ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެއިޓީން ތާޓީގެ ތާރީޚީ ތަށި ވެމްކޯއިން އުފުލާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އަންހެން ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް އެއިޓީން ތާޓީ މުބާރާތުގެ ފައިނަލްގައި ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް 3-1ގެ ނަތީޖާއަކުން ކުރިހޯދައި، ކުލަބު ވެމްކޯއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސިފައިންގެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަންގްލަދޭޝްގެ ކުޅުންތެރިޔާ ސުމައްޔާ މަތުސުޝިމާއެވެ. އެހެން ނަމަވެސް މެޗުގެ ކުރީކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން ސުމައްޔާއަށް ކުޅުމާ ދުރަށްދާން ޖެހުމަކީ ވެމްކޯއަށް މެޗުގެ ކޮންޓްރޯލް ހޯދުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. ނަތީޖާއެއްގެ ގޮތުން ވެމްކޯގެ އާމިނަތު ފަޒްލާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޔާ ކަސިއާ ބަލްޑާސޯގެ ލަނޑާ އެކު އެ ޓީމުން މެޗުގެ ލީޑު ނެގިއެވެ. ވެމްކޯއަށް މި މުބާރާތުގެ ތަށި ޔަގީންކޮށްދިން ތިންވަނަ ލަނޑު ފަހު ހާފުގައި ކާމިޔާބުކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖެހި ފަޒްލާއެވެ.

މުބާރާތް ނިމުމުން ވަނީ ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި ޓީމުތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މިގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ ޓޯނަމަންޓް"ގެ ޝަރަފުވެރި މަގާމު ހާސިލުކުރީ ވެމްކޯއަށް ތަށި ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަޝްލޭ ލަރިއްސާ އޮލިވެއިރާ ޑަ ސިލްވާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވެމްކޯއަށް އިރުޝާދުދިން އަލީ ނަދީމް ހޮވުނުއިރު، އެގާރަ ލަނޑު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ހާސިލުކުރީ ސިފައިންގެ ކުލަބުގެ ސުމައްޔާއެވެ. މީގެ އިތުރުން ފެއާޕްލޭ ކުޅުންތެރިޔަކަށް ސިފައިންގެ ޓީމުގެ މައީޝާ އަބްދުލް ހަންނާން ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ބިސް ބުރު ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ ވެމްކޯގެ އަޝްލޭގެ އިތުރުން ފާތިމަތު ސައުސަން އަދި މަރިޔަމް ނޫރާއާއި، ސިފައިންގެ ކުލަބުގެ ސުމައްޔާ އަދި ސަބީނާ ކަތުންނެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އެންޑޯސްކޮށްގެން ކުރިއަށް ގެންދިޔަ މިފަހަރުގެ އެއިޓީން ތާޓީ މުބާރާތުގައި ވާދަކޮށްފައިވަނީ އެންމެ ތިން ޓީމުންނެވެ. އެއީ ފައިނަލްގައި ވާދަކުރި ދެ ޓީމުގެ އިތުރުން ބިސް ބުރު ސްޕޯޓްސް ކުލަބެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު