ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އައު ސީޒަނަށް ނިއުއަށް ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑެއް

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ މަގުސަދުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން 125،000ޔޫރޯގެ އަގުހުރި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ އެ ކުލަބަށް ގެނެސް އެއްބަސްވުމުގައި ސޮއިކުރުވައިފިއެވެ.

އުމުރުން 36އަހަރުގެ މި ކުޅުންތެރިޔާ ނިއު އާ ގުޅުނުއިރު، އޭނާ ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއަށް ކުޅެދިން 71މެޗުގެ ތެރެއިން 69ގޯލު ކާމިޔާބުކޮށްދީ މޮޅު ކުޅުމެއް ދައްކާފައެވެ. ދުނިޔޭގެ މަޝްހޫރު ޓްރާންސްފާ މާކެޓް ވެބްސައިޓުން ދައްކާ ގޮތުގައި ޑޮރިއެލްޓަންގެ އަގަކީ ގާތްގަނޑަކަށް ދެ މިލިއަން ދިވެހި ރުފިޔާ (125،000ޔޫރޯ)އެވެ. ދައުލަތުގެ މީޑިއާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 350،000ރުފިޔާ ލިބޭނެއެވެ. ނަމަވެސް ނިއުއިން މި އަދަދުތައް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ޑޮރިއެލްޓަންގެ ފުޓުބޯޅަ ކެރިއަރު ފެށިފައިވަނީ 2008ވަނަ އަހަރު ބްރެޒިލްގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ފްލުމިނެންސްއިންނެވެ. އޭގެ ފަހުން އޭނާ ވަނީ ޗައިނާގެ ކުލަބުތަކުގެ އިތުރުން އިންޑިއާގެ އޮޑިޝާ އެފްސީ އަދި ފޯސާ ކޮޗީ ފަދަ ޓީމުތަކަށް ވެސް ކުޅެފައެވެ. ނިއު ރޭޑިއަންޓުން ވަނީ ޑޮރިއެލްޓަންއާއި އެހެނިހެން އައު ކުޅުންތެރިން ޓީމާ ގުޅުނުކަން އިއުލާނުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ދާދިފަހުން ބާއްވާފައެވެ.

މި ބަދަލުތަކާ އެކު އައު ސީޒަނަށް ނުކުންނައިރު ނިއުގެ ސްކޮޑުގައި ޖުމްލަ ހަތަރު ބިދޭސީ ކުޅުންތެރިން ތިބޭނެއެވެ. އެއީ އަލަށް ގެނައި ޑޮރިއެލްޓަންއާއި ލައިބީރިއާގެ އަލްބާޓް ކޭ ސްވަންގެ އިތުރުން، ކުރިންވެސް އެ ޓީމުގައި ތިބި ބްރެޒިލްގެ ގިލެރްމޯ ޑަސިލްވާއާއި ލައިބީރިއާގެ އަބްދުﷲ ބިލިޓީއެވެ. މީގެ ތެރެއިން ލައިބީރިއާގެ ދެ ކުޅުންތެރިންނަކީ އެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިންނެވެ. ބިދޭސީ ކުޅުންތެރިންގެ އިތުރުން، ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު ނާއިމް އަދި ޒުވާން ކުޅުންތެރިޔާ އީތަން ޒަކީ ވެސް ވަނީ ދާދިފަހުން ނިއުއަށް ސޮއިކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު