ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން، ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ކުޅުންތެރިޔާ ކަމަށްވާ އުމުރުން 17އަހަރުގެ އީތަން އިބްރާހީމް ޒަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސީނިއަރ ސްކޮޑާ ގުޅިއްޖެއެވެ.
އައު ސީޒަނަށް ނިއުގެ ޖާޒީގައި ނުކުންނަ ކުޅުންތެރިންގެ ސޮއި ހޯދުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އީތަން އެ ކްލަބުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އޭނާ ވަނީ ދާދިފަހުން ނިމިގެންދިޔަ 19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އެ ކްލަބުގެ ޒުވާން ޓީމުގެ ކެޕްޓަންކަންކޮށް، މުބާރާތުގެ ދެވަނަ މަގާމު އެ ޓީމަށް ހޯދައިދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ.
ނިއުއާ ގުޅުމުގެ ކުރިން ފާއިތުވި ދެ އަހަރު ދުވަހު ކްލަބް ވެލެންސިއާއަށް ކުޅެދިން އީތަން ވަނީ ނިމިދިޔަ ސީޒަނުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް ވެސް އަޅާފައެވެ. ޒުވާން ޤައުމީ ޓީމުތަކުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކުމުގެ އިތުރުން، އޭނާ ވަނީ ސީނިއަރ ޤައުމީ ޓީމުން ވެސް ޖާގަ ހޯދާފައެވެ. އެގޮތުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރު އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އީތަން ވަނީ ޤައުމީ ޓީމަށް ކުޅެދީފައެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތާރީޚުން ވެސް ޖާގަ ހޯދާފައިވާ އީތަންއަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އެ ރެކޯޑު އޭނާ މުގުރާލީ 2023ވަނަ އަހަރު ވެލެންސިއާއަށް ކުޅެމުން ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖަހައިގެންނެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 14އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ. މީގެ އިތުރުން، އީތަން ވަނީ 2023ވަނަ އަހަރު ސްޕެއިންގެ ކްލަބެއްގައި ވެސް ފުޓުބޯޅައިގެ ތަޖުރިބާތަކެއް ހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.