އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަބާރު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ ފިލް ފޯޑަން، ކުރިއަށް އޮތް 2030ވަނަ އަހަރުގެ ނިޔަލަށް އެ ކުލަބުގައި ދެމިހުރުމަށްޓަކައި އޭނާގެ އެއްބަސްވުން އާކޮށްފިއެވެ.
ކުލަބުގެ އެކަޑަމީން ތަމްރީނުވެގެން ސީނިއަރ ސްކޮޑުން ޖާގަ ހޯދި ފޯޑަންގެ ކޮންޓްރެކްޓް އާކުރުމަކީ، ސިޓީން އޭނާއަށް ކުރާ އިތުބާރާއި ދޭ އަހައްމިއްޔަތުކަން ސާބިތުކޮށްދޭ ކަމެކެވެ. އައު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޝުއޫރު ފާޅުކުރަމުން ފޯޑަން ބުނީ، މިއީ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމުގައެވެ. އަދި މިހާ ދިގު މުއްދަތަކަށް ކުލަބުގައި މަޑުކުރުމުގެ ފުރުޞަތު ލިބުމަކީ ބަޔާންކުރަންދަތި އުފާވެރިކަމެއް ގެނެސްދިން ކަމެއްކަމަށާއި، ޓީމާއެކު ހޯދި ކާމިޔާބީތައް އަބަދުވެސް ހަނދާނުގައި ބަހައްޓާނެކަން އޭނާ ފާހަގަކުރިއެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2017ވަނަ އަހަރު ސިޓީގެ މައި ޓީމަށް ކުޅެން ފެށި ފޯޑަން ވަނީ، މިހާތަނަށް އެ ކުލަބަށް ކުޅެދިން 411މެޗުގައި 131ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާގެ މި ވިދުމާ އެކު ސިޓީން ވަނީ ހަ ފަހަރެއްގެ މަތިން ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ތިން ފަހަރަށް އެފްއޭ ކަޕްގެ ތާޖު ވެސް އުފުލާލާފައެވެ.
ފާއިތުވި ސީޒަނުގައި ކުޅުނު 50މެޗުން ފޯޑަންއަށް ޖެހިފައިވަނީ 10ލަނޑެވެ. އޭނާގެ ކުޅުމުގެ ފެންވަރު ދަށަށް ދިއުމާ ގުޅިގެން ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލި، އޭގެ ނޭދެވޭ އަސަރު ވަނީ ކުރިމަތިވެފައެވެ. އެގޮތުން، ތޯމަސް ޓުކެލް އެކުލަވާލި ވޯލްޑް ކަޕް ސްކޮޑުން އޭނާއަށް ފުރުޞަތު ގެއްލުނުއިރު، އައު ކޯޗު އެންޒޯ މަރެސްކާއާ އެކު ފޯމު ރަނގަޅުކުރުމަށް ފޯޑަން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ބެލެވެއެވެ.
މަރެސްކާގެ އިރުޝާދުގެ ދަށުން ލީގުގައި ސިޓީން ކުޅޭ ފުރަތަމަ މެޗުގައި، އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ބޯންމޯތާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.