ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހެރީ ކޭން ހޯދުމުގެ މަޝްވަރާތައް އަލްހިލާލުން ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސި ތަރި ހެރީ ކޭން، ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލަށް ގެންދިއުމަށް ޓަކައި އެ ކުލަބުގެ ޓެކްނިކަލް ޑިރެކްޓަރު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެން އޭނާގެ އެޖެންޓާ އެކު ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

ސައުދީގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، އަލް ހިލާލުގެ ޓެކްނިކަލް ޑިރެކްޓަރު ސައިމަން ފްރޭންސިސް މިހާރު ލަންޑަނުގައި ހުންނެވިއިރު، ކޭންގެ މަންދޫބުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކުޅުންތެރިޔާ ބޭނުންވާ މުސާރައިގެ އަދަދުތަކާއި، ކުރިމަގުގެ ހުށަހެޅުންތަކުގެ އިތުރުން، އޭނާ މިހާރު ކުޅެމުން އަންނަ ކުލަބާ އެކު މުއާމަލާތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމެވެ.

ކޭން ބަޔާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުން އާނުކޮށްފިނަމަ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި އެހެން ޓީމަކާއެކު ޕްރީ-އެގްރީމަންޓެއްގައި ސޮއިކުރުމުގެ އިހުތިޔާރު އޭނާއަށް ލިބިގެންވެއެވެ. އަދި މުއްދަތު ހަމަވުމުން އެއްވެސް ފީއަކާ ނުލައި ހިލޭ ޓްރާންސްފަރއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ.

ޓޮޓެންހަމް ދޫކޮށް 2023ވަނަ އަހަރުގެ ހޫނު މޫސުމުގައި ބަޔާނާ ގުޅުނު ފަހުން ކޭން ވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ތަނބަށް ވެފައެވެ. ރިޕޯޓުތައް ބުނާގޮތުން 05މިލިއަން ޔޫރޯގެ އަގަކަށް ޖަރުމަނަށް ބަދަލުވެ، އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 147މެޗުގައި 146ގޯލު ޖަހައި، 33އެސިސްޓް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ބަޔާން މިއުނިކާ އެކު އޭނާ ވަނީ ޖަރުމަނު ލީގު ދެ ފަހަރު، އަދި ޖަރުމަނު ކަޕާއި ޖަރުމަނު ސުޕާ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު