ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޮޓްކިންސް އަލްހިލާލަށް ބަދަލުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އައި އިނގިރޭސި ފޯވަޑް އޮލީ ވޮޓްކިންސް، 51މިލިއަން ޕައުންޑުގެ ބޮޑު ފީއެއްގައި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ރަސްމީކޮށް ސޮއިކޮށްފިއެވެ.

އުމުރުން 30އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ސައުދީ ކްލަބުން ފުރަތަމަ ކުރި މަސައްކަތް ވިލާއިން ވަނީ ނާކާމިޔާބުކޮށްލާފައެވެ. ނަމަވެސް ކްލަބް ދޫކޮށްލަން ބޭނުންވެގެން، ލީގުގެ ފުރަތަމަ މެޗުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުމަށް ވޮޓްކިންސް އިންކާރުކުރުމާ ގުޅިގެންނާއި އޭނާ ދެއްކި ބޮޑު ދެކޮޅުހެދުންތަކަށް ފަހު، އެންމެފަހުން ވިލާއިން ވަނީ އޭނާ ވިއްކާލަން އެއްބަސްވެފައެވެ.

މި މައްސަލަތަކަށް ފަހު، އެނބުރި ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެ އޭނާ ވަނީ އަމަލުކުރެވުނު ގޮތާމެދު މައާފަށް ވެސް އެދިފައެވެ. އޭގެ ފަހުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ބަޔާންކޮށްފައި ވަނީ، މިފަދަ ހިތްދަތި ގޮތަކަށް އެ ކްލަބާ ވަކިވާން ޖެހިދާނެކަމަށް ދުވަހަކު ވެސް ހީކޮށްފައި ނުވާކަމަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ ހަ އަހަރު ދުވަހު އޭނާގެ ކުޅުމާއި އަހުލާގު ރަނގަޅުކުރުމުގައި ވިލާއިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް އޭނާ ވަނީ އެ ކްލަބަށް ޝުކުރު އަދާކޮށްފައެވެ.

އެސްޓަން ވިލާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ވޮޓްކިންސް ވަނީ 91ލަނޑު ކާމިޔާބުކޮށް، އެ ކްލަބުގެ ތާރީޚުގައި ޕްރިމިއަރ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

އޭނާގެ އިތުރުން ޔޫރީ ޓިއެލެމަންސް އަދި މޯގަން ރޮޖާސް ފަދަ މުހިންމު ކުޅުންތެރިން ވެސް ލީގުގެ ވާދަވެރި ޓީމުތަކަށް ވިއްކާލާފައިވުމާ އެކު، މިދިޔަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި އެސްޓަން ވިލާއަށް ކުރިއަށް އޮތް ސީޒަނުގައި އެ ފެންވަރުގެ ކާމިޔާބީއެއް ތަކުރާރުކުރެވިދާނެކަމާ މެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު