ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނޯވޭގެ ބޯޑޯ ގްލިމްޓްގެ މައްޗަށް 5-0ގެ ނަތީޖާއަކުން ކުރިހޯދައި، ހަ ފަހަރު ތަށި އުފުލާލާފައިވާ ޖަރުމަނުގެ ބަޔާން މިއުނިކުން މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.
ފުރަތަމަ ހާފުގައި ނޯވޭގެ ޓީމުން މޮޅު ޑިފެންސެއްކޮށް ބަޔާންއަށް ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓި ނަމަވެސް، ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ޖަމާލް މުސިއާލާ ކާމިޔާބުކުރި ގޯލާއެކު މެޗުގެ ކޮންޓްރޯލް ބަޔާނުން ނެގިއެވެ. އޭގެ ފަހުން މެޗުގެ 60ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭނާ ބަޔާންގެ ޖާޒީގައި ޗެމްޕިއަންސް ލީގުގައި ކުޅުނު 39މެޗުގެ ތެރެއިން ކާމިޔާބުކުރި 34ވަނަ ލަނޑެވެ. އެއަށްފަހު އަލްފޮންސޯ ޑޭވީސް ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި މައިކަލް އޮލީސޭ ވަނީ ވިދިވިދިގެން ދެ ގޯލު ޖަހައި ޓީމަށް ބޮޑު މޮޅެއް ކަށަވަރުކޮށްދީފައެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗަކަށް ބަލާއިރު، ސްލާވިއާ ޕްރާގާ ދެކޮޅަށް ފްރާންސްގެ ލޯންސް ކުޅުނު މެޗު ނިމުނީ 3-2އިން ލޯންސް ކުރީގައި އޮވެގެންނެވެ. ދިހަ ކުޅުންތެރިންނާއެކު ސްލާވިއާ ޕްރާގުން މެޗުގެ ބޮޑުބައި ފުރިހަމަކުރިއިރު، ލޯންސްއިން މި މެޗުން މޮޅުވީ ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.