ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި މިރޭ ނޯވޭއާ ދެކޮޅަށް އިންގްލެންޑް ކުޅޭ މުހިންމު މެޗަށް ނުކުންނައިރު، ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭ ޖަރެލް ކުއެންސާ ފިޔަވައި ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ތިބީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ޓީމުގެ ހެޑް ކޯޗު ތޯމަސް ޓުޗެލް ހާމަކޮށްފިއެވެ.
އަނިޔާގެ މައްސަލަތަކާ ގުޅިގެން ކުޅުމާ ދުރުގައި ތިބި މުހިންމު ކުޅުންތެރިން ކަމަށްވާ ޑެކްލަން ރައިސްގެ އިތުރުން ޑިފެންޑަރުން ކަމަށްވާ މާކް ގުއޭހީ އަދި ރީސް ޖޭމްސް ވަނީ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ކޯޗު ޓުޗެލް ބުނި ގޮތުގައި، ޓީމުގެ އެންމެން ފިޓްކޮށް ތިބުމަކީ މި ވަގުތު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އަދި ސަސްޕެންޑްކޮށްފައިވާ ކުޅުންތެރިޔާ ފިޔަވައި އެހެން ކޮންމެ ކުޅުންތެރިއެއްގެ ބޭނުން ހިފުމުގެ އިޚްތިޔާރު މިހާރު އޮތްކަން އޭނާ ފާހަގަކުރިއެވެ.
އިންގްލެންޑުގެ ޑިފެންޑަރު ކުއެންސާއަށް މި މެޗު ގެއްލުނީ، މުބާރާތުގެ ގަދަ 16ވަނަ ބުރުގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑަކާ ގުޅިގެންނެވެ. ފީފާއިން ވަނީ އެ މައްސަލައިގައި އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފައެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޓުޗެލް ބުނީ، ނޯވޭގެ ނުރައްކާތެރި ފޯވާޑް އާލިން ހާލާންޑް ހުއްޓުވުމަށް އިންގްލެންޑުން ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ. މުބާރާތުގައި މިހާތަނަށް ހާލާންޑް ހަތް ލަނޑު ކާމިޔާބުކޮށްފައިވާއިރު، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ހަ ލަނޑު ޖަހާފައެވެ. އެހެންކަމުން މިއީ މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރެއެވެ.
މެކްސިކޯ މެޗުގައި ޓީމުން ދެއްކި ކުޅުމަށް ތައުރީފުކުރަމުން ޓުޗެލް ބުނީ، މުބާރާތުގެ ކުރިއަށް ހުރި ހަރުފަތްތައް ގިރާކުރުމަށް ޓަކައި އެއަށް ވުރެ ފެންވަރު ރަނގަޅު ކުޅުމެއް ދައްކަން މަޖުބޫރުވާނެ ކަމަށެވެ. މީގެ އިތުރުން، އިއްޔެ ކުރިއަށްދިޔަ އިންގްލެންޑުގެ ޓްރެއިނިންގ ސެޝަނުގައި އެ ޓީމުގެ ކުރީގެ ތަރި ސަރ ޑޭވިޑް ބެކަމް ބައިވެރިވެ، ކުޅުންތެރިންނަށް ހިތްވަރުދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.