ފީފާ ވޯލްޑް ކަޕް 2026ގެ ކުއާޓާ ފައިނަލްގައި މިރޭ ރާއްޖެ ގަޑިން މެންދަމު 2:00ގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ ތާރީހީ މެޗުން މޮޅުވެ، މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރިހަމަ ގާބިލުކަން ނޯވޭ ޓީމުގައި އެބަހުރި ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ސްޓޭލް ސޯލްބަކެން ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސޯލްބަކެން ވަނީ، މިއީ ނޯވޭގެ ފުޓުބޯޅައިގެ ހަޔާތުގައި ކުރިމަތިލާ އެންމެ ބޮޑު އިމްތިހާނުކަން ފާހަގަކޮށްފައެވެ. އޭނާ ބުނީ ކުޅުންތެރިންގެ ފަރާތުން އެންމެ ބޮޑަށް އެދެނީ ބިރުކުޑަކަމާއެކު ދަނޑުމަތީގައި އަމިއްލަ ކުޅުން ދެއްކުމަށް ކަމަށާއި، ބޭރުގެ މާހައުލުން ކުރިމަތިވާ ޕްރެޝަރަށްވުރެ ބޮޑަށް މެޗުގެ ކޮންޓްރޯލް ހޯދުމަށް ފޯކަސް ކުރުން މޮޅުވުމަށް މުހިންމު ކަމަށެވެ. މުބާރާތް ފެށުނުއިރު އޮތް ޖެހިލުންވުން މިހާރު އެއްކޮށް ފިލައިގޮސްފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑަކީ ނުރައްކާތެރި ޓީމެއްކަން ފާހަގަކުރަމުން ސޯލްބަކެން ބުނީ، ހެރީ ކޭންއާއި ޖޫޑް ބެލިންހަމް ފަދަ ހުނަރުވެރި ކުޅުންތެރިންގެ ސަބަބުން އިނގިރޭސިންގެ އެޓޭކިން ލައިން ވަރުގަދަ ކަމަށެވެ. އަދި އެމީހުންގެ މެދުތެރެއާއި އަރިމަތިން އުފައްދާ ހަމަލާތައް ހުއްޓުވުމަށްޓަކައި ނޯވޭއިން ޑިފެންސްގައި ވަރަށް ބޮޑަށް ސަމާލުވެ، އެންމެ މޮޅު ކުޅުން ދައްކަން ޖެހޭނެކަމަށް އޭނާ އިންޒާރު ދިނެވެ.
26އަހަރުގެ ދިގު އިންތިޒާރަކަށްފަހު ބޮޑު މުބާރާތަކާ ނޯވޭއިން ކުރިމަތިލިއިރު، ފުރަތަމަ މެޗުގައި އިރާގާ ދެކޮޅަށް ކުޅުނު ފުރަތަމަ 20މިނެޓުގައި ކުޅުންތެރިންގެ ފަރާތުން ހާސްކަން ފެނުނުކަމަށް ކޯޗު އެއްބަސްވިއެވެ. ނަމަވެސް އެ މެޗު 4-1އިން ކާމިޔާބުކޮށް، ގަދަ 16ގައި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ބްރެޒިލް ކަޓުވާލުމާ އެކު، ޓީމުގެ އިތުބާރު މިހާރު އިންތިހާއަށް އުފުލިފައިވާކަމަށް އޭނާ ކިޔައިދިނެވެ.
ބްރެޒިލް މެޗަށްފަހު ލިބުނު ފަސް ދުވަހުގެ ތެރޭގައި އިނގިރޭސިންނާ ދެކޮޅަށް ނޯވޭއިން ފުރިހަމައަށް ތައްޔާރުވެފައިވާކަން ކޯޗު ވަނީ ކަށަވަރުކޮށްދީފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، އިނގިރޭސިން މުބާރާތުން ބޭރުކޮށްލުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން ސޯލްބަކެން ވަނީ ހިނިތުންވުމަކާ އެކު، އެ ސުވާލުގެ ޖަވާބު ދޭނީ މެޗުން މޮޅުވުމަށްފަހު ކަމަށް ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.