އިތުރު ވަގުތު ކުޅެގެން ފަހަތުން އަރައި ނޯވޭ ބަލިކޮށް، 1966ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފިރިހެނުންގެ ވޯލްޑް ކަޕް ފައިނަލަށް ދިއުމާ ގާތަށް އިންގްލެންޑް ޖެހިލައިފިއެވެ.
މި މެޗުން އިންގްލެންޑް މޮޅުވީ ޖޫޑް ބެލިންހަމް ދެއްކި މޮޅު ކުޅުމާއި އޭނާ ކާމިޔާބުކުރި ދެ ލަނޑުންނެވެ.
ގަދަ ހޫނުގެ މާހައުލެއްގައި ކުޅުނު މި ކުއާޓާ ފައިނަލް މެޗުގައި ތޯމަސް ޓުޗެލްގެ ޓީމަށް ނަސީބު ވެސް އެހީތެރިވިއެވެ. ނަމަވެސް އިންގްލެންޑް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އަނެއްކާ ވެސް މުހިންމު ދައުރެއް އަދާކުރީ ބެލިންހަމްއެވެ. ސެމީ ފައިނަލްގައި އިންގްލެންޑް ބައްދަލުކުރާނީ އާޖެންޓީނާ ނުވަތަ ސްވިޒަލޭންޑާއެވެ.
ވާދަވެރި އަދި ހާސްކަން ބޮޑު މި މެޗުގެ 36 ވަނަ މިނެޓުގައި އެންޑްރިއަސް ޝެލްޑަރަޕް ފޮނުވާލި ބާރު ހަމަލާއެއް އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ދިފާއު ނުކުރެވި ގޯލަށް ވަނުމުން ނޯވޭއިން ފުރަތަމަ ލީޑު ނެގިއެވެ.
އިންގްލެންޑަށް އަވަސް ޖަވާބެއް ބޭނުންވެފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެންތަނީ ގޯޑަން ދިން ޕާހަކުން ބެލިންހަމް ވަނީ ހިތްގައިމު ގޯލެއް ޖަހައި ނޯވޭގެ ކީޕަރު އޮރްޔާން ނީލަންޑް ބަލިކޮށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ބަލިވެއުޅުމާއި އަނިޔާގެ ސަބަބުން އުނދަގޫތަކެއް ތަހައްމަލު ކުރަމުންދިޔަ މުހިންމު މިޑްފީލްޑަރު ޑެކްލަން ރައިސްއާއި ނޯނީ މަޑުއެކޭގެ ބަދަލުގައި، އެބެރެޗީ އެޒޭއާއި ބުކާޔޯ ސާކާ ކުޅެން އަރުވަން ޓުޗެލްއަށް ފުރަތަމަ ހާފަށް ފަހު މަޖުބޫރުވިއެވެ.
ދެވަނަ ހާފުގައި ނޯވޭއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ޑޭވިޑް މޮލާ ވޮލްފް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ.
މި މެޗުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ހާލަންޑް ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފަށް ފަހު ބަދަލުކޮށްފައެވެ. އޭގެ ކުރިން، އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ބެލިންހަމް ވަނީ އިންގްލެންޑަށް ލީޑު ހޯދައިދީފައެވެ. އޭނާ މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ މޯގަން ރޮޖާސް ފޮނުވާލި ހަމަލާއެއް ކީޕަރު ނީލަންޑް ދިފާއުކުރުމުން ދެވަނަ ފުރުސަތުގައެވެ.
މިއީ 60 އަހަރު ކުރިން ޖޫލްސް ރިމޭ ޓްރޮފީ އިންގްލެންޑުން އުފުލާލި ފަހުން އެގައުމު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ތިންވަނަ ފަހަރެވެ. 1990 ވަނަ އަހަރު ވެސްޓް ޖަރުމަނު އަތުން އަދި 2018 ވަނަ އަހަރު ކްރޮއޭޝިއާ އަތުން ސެމީގައި ވީ ބައްޔަށް ފަހު، މިފަހަރު ނަސީބު ބަދަލުކޮށްލުމަށް އިންގްލެންޑުން އުއްމީދުކުރެއެވެ.
އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗުގައި ދެއްކި މޮޅު ކުޅުން ތަކުރާރުކުރަން އިންގްލެންޑަށް އުނގަދޫވިއެވެ. އެއީ އެ މެޗުގައި ކުރި ބުރަ މަސައްކަތާއި މިއާމީގެ ހޫނު މާހައުލުގެ ސަބަބުން ކުޅުންތެރިން ވަރުބަލިވެފައި ތިބުމުން ކަމަށް ބެލެވެއެވެ.
ނަމަވެސް ބެލިންހަމް ހުރި ތަނެއްގައި އުއްމީދު އެބައޮތެވެ. ރެއާލް މެޑްރިޑްގެ ތަރި ވަނީ ބޮޑެތި މެޗުތަކުގެ ނަތީޖާ ބަދަލުކޮށްލާ ފަދަ މުހިންމު ވަގުތުތަކެއް އަނެއްކާ ވެސް ދައްކުވައިދީފައެވެ.
ދެވަނަ ހާފުގެ ގަދަ ހޫނުގައި ދެ ޓީމުގެ ކުޅުންތެރިން ވަރުބަލިވެގެން އިންގްލެންޑަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ނަމަވެސް އަނެއްކާ ވެސް ތަފާތު ދެއްކީ ބެލިންހަމްއެވެ. ކީޕަރު ނީލަންޑަށް ހެދުނު ގޯހެއްގެ ފައިދާ އެންމެ ފުރަތަމަ ހޯދައި، މެޗުގެ ނަތީޖާ އިންގްލެންޑް ކޮޅަށް އަނބުރާލީ އޭނާއެވެ.
މިއާއެކު މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލިންހަމް ޖެހި ލަނޑުގެ އަދަދު ހަޔަކަށް އެރިއިރު، އޭނާ މަސައްކަތް ކުރަމުންދަނީ އިންގްލެންޑަށް ކާމިޔާބީ ހޯދައިދިނުމުގެ އަޒުމުގައެވެ.
ހާލަންޑަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ވެސް އެންމެ ފާހަގަކޮށްލެވުނު އެއް ތަރިއެވެ. އޭނާ ޖެހި ހަތް ލަނޑާއެކު ނޯވޭ ކުއާޓާ ފައިނަލަށް ގެންގޮސްދިންއިރު، އޭނާގެ މިޒާޖުގެ ސަބަބުން އެމެރިކާގެ ގިނަ ބައެއްގެ ލޯބި ވަނީ ހޯދާފައެވެ.
ނަމަވެސް، މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މެންޗެސްޓަރ ސިޓީގެ ފޯވާޑަށް މި މެޗުގައި އޭނާގެ ނުފޫޒު ފޯރުވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގައި ޖޯން ސްޓޯންސްއަށް ހެދުނު ގޯހެއްގެ ފައިދާ ހޯދަން އޭނާ މަސައްކަތް ކުރި ނަމަވެސް، ނޯވޭ 1-0 އިން ކުރީގައި އޮއްވައި އެލެކްސެންޑަރ ސޯލޮތު، ހުސްކޮށް ހުރި ހާލަންޑަށް ޕާސް ދިނުމުގެ ބަދަލުގައި އަމިއްލައަށް ބޯޅަ ހިފައިގެން ދާން ނިންމުމުން ހާލަންޑް ވަރަށް ބޮޑަށް މާޔޫސްވިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.