ފީފާ ވޯލްޑް ކަޕް 2026ގެ ކުއާޓާ ފައިނަލްގައި އެމެރިކާގެ ކެންސަސް ސިޓީގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ސްވިޒަލެންޑް ނުކުންނަ މުހިންމު މެޗުގައި، ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އެ ޓީމުގެ އިތުބާރު ފޯވާޑް ޔޯހަން މަންޒަމްބީއަށް ނުކުޅެވޭނެކަން ކޯޗު މުރާތު ޔަކިން ޔަގީންކޮށްދީފިއެވެ.
މި ފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ތިން ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ދެ ގޯލު ޖެހުމަށް މަގުފަހިކޮށްދިން ހުނަރުވެރި ކުޅުންތެރިޔާއަށް ވަނީ މީގެ ކުރިން ކޮލަމްބިއާ ބަލިކުރި ގަދަ 16ގެ މެޗު ވެސް ގެއްލިފައެވެ. ޔަކިން ފާހަގަކުރި ގޮތުގައި މަންޒަމްބީގެ ފިޓްނަސް އިޔާދަކުރުމަށް މެޑިކަލް ޓީމުން ގިނަގުނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ. މިއީ މުޅި ސްކޮޑަށް ވެސް ލިބިގެންދިޔަ ފުން ހިތާމައެއްކަމަށާއި، އޭނާގެ ނެތްތަން ޓީމުން ވަރަށް ބޮޑަށް ފާހަގަވާނެކަމަށް ކޯޗު ބުންޏެވެ.
މީގެ 72އަހަރު ކުރިން 1954ގައި ކުޅުނު ކުއާޓާ ފައިނަލަށްފަހު ފުރަތަމަ ފަހަރަށް މި ހިސާބަށް ސްވިޒަލެންޑް ދަތުރުކޮށްފައިވާއިރު، ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވަނީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށެވެ. އެހެން ނަމަވެސް، ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ވަނީ ހަމައެކަނި މެސީ ހުއްޓުވުމަށް އެ ޓީމުން ޚާއްސަ ސަމާލުކަމެއް ނުދޭނެކަން ހާމަކޮށްފައެވެ. އޭގެ ބަދަލުގައި މުޅި ޓީމުގެ މިސްރާބު ހުރީ އާޖެންޓީނާގެ މައްޗަށް ކުރިހޯދައި ދުނިޔެ ސިއްސުވާލުމަށެވެ. މެސީގެ ނުރައްކާތެރިކަން ކުޑަކުރުމަށް އޮތް އެންމެ ފުރިހަމަ ހަތިޔާރަކީ ސްވިޒަލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުންކަމަށް ޔަކިން ގަބޫލުކުރެއެވެ.
އުމުރުން 33އަހަރުގެ ޝަކާ ސިފަކުރި ގޮތުގައި މިއީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި ކުރިމަތިލާ އެންމެ ތާރީޚީ އެއް ކުރިމަތިލުމެވެ. މީގެ ކުރިން 2014ވަނަ އަހަރު އާޖެންޓީނާ އަތުން ބަލިވި ނަމަވެސް، މިއީ ބަދަލުހިފުމުގެ ރޫހުގައި ކުޅޭނެ މެޗެއް ނޫންކަމަށް އޭނާ ކަށަވަރުކޮށްދިނެވެ. ސަޕޯޓަރުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ޓަކައި ޓީމުން ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރަމުން، ކެންސަސް ސިޓީގެ ގަދަ ހޫނަކީ މިފަދަ ބޮޑު މެޗެއްގައި ދައްކަންޖެހޭ އުޒުރެއް ނޫންކަމަށް ވެސް އިނގިރޭސި ކުލަބު ސަންޑަލެންޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.