39އަހަރުގެ ލިއޮނެލް މެސީ ފުޓުބޯޅަ ކުޅުން ހުއްޓާލަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެމިހުންނާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
އެމެރިކާގެ ކެންސަސް ސިޓީގައި ސްވިޒަލެންޑާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްކަލޯނީ ބުނީ މުސްކުޅިވުމުގެ ސަބަބުން މެސީގެ ފެންވަރު ދަށްވާނެ ކަމަށް ހީކުރާ މީހުންނަށް އޭނާގެ ހަގީގީ ގާބިލުކަން ނޭނގޭކަމަށާއި އޭނާއަކީ ހުއްޓުމެއް ނެތް "މެޝިނެއް"ކަމަށެވެ.
ފިޓްނަސް ކޯޗުންނާއެކު އޭނާ ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން، އެ އުމުރުގައި ވެސް މެސީ ދައްކަމުންދާ ކުޅުމާއި އޭނާގެ ހަށިގަނޑުގެ ވަރުގަދަކަމާ މެދު އެއްވެސް ވަރަކަށް ހައިރާންނުވާ ކަމަށް ކޯޗު ބުންޏެވެ. އަދި އޭނާ ބޭނުންވާހާ ހިނދަކު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީއަށް ނުގެއްލޭނެކަން ތަކުރާރުކޮށް ސްކަލޯނީ ފާހަގަކުރިއެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވެސް މެސީގެ ތަފާތު މޮޅު ކުޅުމެއް ފެންނަމުންދާއިރު، އޭނާ ވަނީ މިހާތަނަށް 8ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ރަން ބޫޓުގެ ރޭހުގެ ކުރީސަފުން ޖާގަ ހޯދާފައެވެ. މި ލަނޑުތަކާ އެކު މެސީ ވެފައިވަނީ ޖުމްލަ 21ގޯލު ކާމިޔާބުކޮށް، މުޅި ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފުވެރި ރެކޯޑު އޮތް ކުޅުންތެރިޔާއަށެވެ.
މުބާރާތުގެ ގަދަ 16ގައި މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ފަހަތުން އަރައި ނަތީޖާ އަނބުރާލުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް މެސީއެވެ. އެ މެޗުގެ ފަހު އެގާރަ މިނެޓުގެ ތެރޭގައި އޭނާ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން އެހެން ކުޅުންތެރިއަކަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
މާދަމާ ހެނދުނު ރާއްޖެ ގަޑިން 6:00ގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތްކޮށް ސްކަލޯނީ ބުނީ، ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ކަޓުވާލި ސްވިޒަލެންޑަކީ ފިޒިކަލީ ވަރުގަދަ އަދި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ ނުރައްކާތެރި ޓީމެއް ކަމަށެވެ. ދުނިޔޭގެ އެންމެ މޮޅެތި ޓީމުތަކާ ދެކޮޅަށް ވެސް ރަނގަޅު ކުޅުމެއް ދައްކާ އެ ޓީމާ ދެކޮޅަށް ނުކުންނައިރު، މި މުބާރާތުގައި އެއްވެސް މެޗެއް ފަސޭހަ ނުވާނެކަން އޭނާ ވަނީ ހަނދާންކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.