ބޫޓާނުގެ ތިމްޕޫގައި ބޭއްވި 16ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރަން މެޑައްޔަކާ އެކު ޖުމްލަ ތިން މެޑަލް ހާސިލުކޮށް، ދިވެހިރާއްޖެއަށް ފަޚުރުވެރި ނަމެއް ހޯދައިދިން ޤައުމީ ބޮޑީބިލްޑިން ޓީމު މާލެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ދިވެހި އެތުލީޓުން ވަނީ އެއް ރަން މެޑެއްޔާއި ދެ ރިހި މެޑަލް ކަރުގައި އަޅުވާފައެވެ. ރާއްޖެއަށް ރަން މެޑަލް ކާމިޔާބުކޮށްދިނީ މެންސް އެތުލެޓިކް ފިޒީކް 167ސެންޓިމީޓަރު ކެޓަގަރީގައި ވާދަކުރި ހުނަރުވެރި އެތުލީޓު އަޒްނީން ރަޝާދެވެ. މީގެ އިތުރުން، 170ސެންޓިމީޓަރުގެ ކެޓަގަރީން އަޙްމަދު ނައީމް ރިހި މެޑަލް ހާސިލުކުރިއިރު، 175ސެންޓިމީޓަރުގެ ބައިން ރިހި މެޑަލް ހޯދާފައިވަނީ އަލީ މަބްރޫކް ލަތީފެވެ.
މެޑަލް ހޯދި ކުޅުންތެރިންގެ އިތުރުން، ޤައުމީ ޓީމުގައި ހިމެނޭ އެހެނިހެން އެތުލީޓުންވެސް ވަނީ އެކި ކެޓަގަރީތަކުން ވާދަކޮށް ގަދަ ފަހެއްގެ ތެރޭގައި ޖާގަ ހޯދާފައެވެ. ކޯޗު ޢަބްދުލްހަސީބް ހުސައިންގެ ބެލުމުގެ ދަށުން މި މުބާރާތަށް ނުކުތް ދިވެހި ޓީމުން މި ކާމިޔާބީ ހާސިލުކޮށްފައި ވަނީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެތުލީޓުންނާ ވާދަކޮށްގެންނެވެ.
އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ޓީމަށް މަރުހަބާ ވިދާޅުވުމުގައި އިސްކޮށް ހުންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް އާމިރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.