ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލެޓިކްސް ޓީމުގެ ބައިވެރިން، އެ މީހުން ވާދަކުރި އިވެންޓުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.
ހޯމަ ދުވަހު ބޭއްވި ދުވުމުގެ އިވެންޓުތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ އަންހެނުންގެ 100މީޓަރުގެ ރޭހުގައި ވާދަކޮށް އަމިއްލަ ރެކޯޑު (ޕާސަނަލް ބެސްޓް)އާކުރި ޒިވާ މޫސާ ޝަފީއުގެ ކާމިޔާބީއެވެ. ޖުމްލަ 52އެތުލީޓުންނާ އެކު ދުވެ، 12.09ސިކުންތުން އޭނާ ރޭސް ނިންމާފައިވާއިރު، ޒިވާ އަށް ލިބުނީ 35ވަނައެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދު ވަނީ ފިރިހެނުންގެ 100މީޓަރުގެ ހީޓް 10.77ސިކުންތުން ފުރިހަމަކޮށްފައެވެ. މި ކެޓަގަރީގައި 77ބައިވެރިން ވާދަކުރިއިރު ސާއިދު ވަނީ 51ވަނަ މަގާމު ހާސިލުކޮށްފައެވެ.
އަންހެނުންގެ 100މީޓަރުގެ އިވެންޓުގައި ރާއްޖޭގެ އިތުރު ދެ ދުވުންތެރިން ވެސް ވާދަކުރިއެވެ. އެގޮތުން، 12.19ސިކުންތުން ރޭސް ނިންމައިގެން އަހްނާ ނިޒާރު 37ވަނަ ހޯދިއިރު، 12.59ސިކުންތުން ހީޓް ފުރިހަމަކުރި އައިޝަތު ޝަބާ ސަލީމަށް ލިބުނީ 44ވަނައެވެ.
މީގެ އިތުރުން، އަންހެނުންގެ 800މީޓަރުގެ ދުވުމުގައި ވާދަކުރި ފަސޫހާ އަހުމަދު ރޭސް ނިންމާފައި ވަނީ 2މިނިޓާއި 19.86ސިކުންތުންނެވެ. ޖުމްލަ 28އެތުލީޓުން ވާދަކުރި މި ކެޓަގަރީން އޭނާ ވަނީ 25ވަނަ ހޯދާފައެވެ.
މިއަހަރުގެ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ އެތުލެޓިކްސް ސްކޮޑުގައި ހިމެނެނީ ސާއިދު، ޒިވާ، އަހްނާ، ޝަބާ އަދި ފަސޫހާގެ އިތުރުން ހުސެއިން ޒީކް ސުއާދު، އާދަމް ރިއްފަތު އަދި އާމިނަތު ލަޔާނާ މުހައްމަދެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.