ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ނޯވޭގެ މުހިންމު ކުޅުންތެރިން ކުޅޭތީ އެކަމުގެ ފައިދާ ނޯވޭއަށް ނެގޭނެ ގޮތެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ސްތޯލަ ސޫލްބަކަން ބުނެފިއެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޓީމުގެ އެންމެ މޮޅު ކުޅުންތެރިން މިހާރު ކުޅެމުންދަނީ ޕްރިމިއާ ލީގުގައި ނޫން ކަމަށްވާތީއެވެ.
ނޯވޭގެ ސްކޮޑުގައި ހިމެނޭ ޕްރިމިއާ ލީގުގެ އެންމެ ފާހަގަކޮށްލެވޭ ތަރިންނަކީ އާލިންގް ހާލަންޑާއި، އިނގިރޭސި ލީގުގެ ޗެމްޕިއަން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑެވެ. މިއީ އެ ގައުމުގެ އެންމެ މުހިންމު ދެ ކުޅުންތެރިންނެވެ. ނަމަވެސް، އިނގިރޭސި ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ހެރީ ކޭން އާއި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކްލަބް ފުޓްބޯޅަ ކުޅެނީ ޖަރުމަނާއި ސްޕެއިނުގައެވެ. އެހެންކަމުން، އިނގިރޭސިންނާ ދެކޮޅަށް ނޯވޭއަށް ވަކި އެޑްވާންޓޭޖެއް އޮތް ކަމަށް ކަނޑައަޅަން ކޯޗު ބޭނުމެއް ނުވެއެވެ.
"ހަމަޔަގީނުން ވެސް އަހަރެމެންގެ ވަރަށް ގިނަ ކުޅުންތެރިން ކުޅޭ އިނގިރޭސި ވަރަށް ގިނަ ކުޅުންތެރިންނާ ދެކޮޅަށް. އެކަމަކު އިނގިރޭސި ޓީމުގެ އެންމެ މޮޅު ދެ ކުޅުންތެރިން ކުޅެނީ ޕްރިމިއާ ލީގަކު ނޫން. އެ ކުޅުންތެރިން ކުޅެނީ ސްޕެއިންއާއި ޖަރުމަނުގައި. އެހެންވީމަ ކަލޭމެންނަށް އެގޮތަށް ވެސް ނެގިދާނެ"
ނޯވޭއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ވަރުގަދަ ބްރެޒިލް ބަލިކޮށް، އެ ޓީމު މާޔޫސްކޮށްލުމަށް ފަހުއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބްރެޒިލަށް އެ ނަތީޖާއާ ކުރިމަތިލާން ޖެހުނީ ނޯވޭގެ ފެންވަރަށް އެކަށީގެންވާ ސަމާލުކަމެއް ނުދިނުމުންނެވެ. އެކަމަކު ސޫލްބަކަން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް މެޗުތަކުގައި އެއްވެސް ޓީމަކުން ނޯވޭއަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭނެއެވެ.
މިހާތަނަށް މި މުބާރާތުގައި އެއްވެސް ޓީމަކުން ނޯވޭއަކީ ދަށް ޓީމެއްގެ ގޮތުގައި ދެކިފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށާއި، ކޮންމެ ޓީމަކުން ވެސް އިދިކޮޅު ޓީމުތައް ވަރަށް ބޮޑަށް ދިރާސާކުރާނެ ކަމަށް ސޫލްބަކަން ބުންޏެވެ. އެހެންކަމުން މިހާރު އެއްވެސް ސިއްރެއް ފޮރުވިފައި ނޯންނާނެ ކަމަށާއި، ކުރިއަށް އޮތް މެޗަށް ވެސް ނުކުންނާނީ އެ ވިސްނުމުގައި ކަމަށް އޭނާ ހާމަކުރިއެވެ. ނޯވޭއާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ އާދިއްތަ ދުވަހުގެ ރޭ، މެންދަމު 2:00ޖަހާއިރުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.