ކުރިން މެކްސިކޯ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، އަދި އެ ޤައުމުގެ ފުޓްބޯޅަ ލެޖެންޑް ރަފައެލް މާކޭޒް، ދުރު ރާސްތާގެ ޕްލޭން "ޕްރޮޖެކްޓް 2030"ގެ ދަށުން ހާވިއޭ އަގީރޭގެ ބަދަލުގައި މެކްސިކޯގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.
މެކްސިކޯގެ ފުޓްބޯޅަ އިދާރާއިން 2024ވަނަ އަހަރުގެ އޮގަސްޓް މަހު ފެށި "ޕްރޮޖެކްޓް 2030"ގެ މައިގަނޑު އަމާޒަކީ މާކޭޒްއަށް ޓީމު ހަވާލުކުރުމަށް ޓަކައި އޭނާ ތަމްރީނުކުރުމެވެ. މި ރޭވުމުގެ ދަށުން، އުމުރުން 47އަހަރުގެ މާކޭޒް އެންމެ ފުރަތަމަ މަސައްކަތްކުރީ 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އަގީރޭގެ އެހީތެރިއެއްގެ ގޮތުގައެވެ. އެ މުބާރާތުގައި 40އަހަރު ފަހުން ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރުގެ މެޗަކުން މެކްސިކޯ މޮޅުވި ނަމަވެސް، ގަދަ 16ގެ ބުރުގައި އިނގިރޭސިންގެ އަތުން 3-2އިން ބަލިވެ ޓީމު ވަނީ ކަޓާފައެވެ.
މާކޭޒްއާ ޓީމުގެ އެންމެ އިސް ޒިންމާ ހަވާލުކުރިއިރު، ކުރީގެ ކޯޗު އަގީރޭ ވަނީ އޭނާގެ ތިންވަނަ ދައުރުގައި ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ނެރެދީފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 37މެޗުގެ ތެރެއިން 22މެޗުން މޮޅުވެ، 2024/25ގެ ކޮންކާކަފް ނޭޝަންސް ލީގާއި 2025ގެ ގޯލްޑް ކަޕް ވަނީ ކާމިޔާބުކޮށްފައެވެ. އޭނާގެ ކޯޗުކަމުގައި ބަލިވީ އެންމެ 6 މެޗުންނެވެ. އަދި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މެކްސިކޯ ވަނީ މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑެއް ދަމަހައްޓާފައެވެ.
މުޅިން އަލަށް ޤައުމީ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި މާކޭޒް އަކީ މެކްސިކޯގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ޖެހިޖެހިގެން ފަސް ވޯލްޑް ކަޕެއްގައި ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑް އެޅި މާކޭޒް ވަނީ ޤައުމީ ޖާޒީގައި 148މެޗު ކުޅެދީ، 1999ގެ ފީފާ ކޮންފެޑަރޭޝަންސް ކަޕާއި، 2003އަދި 2011ގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ކޯޗިންގެ ދާއިރާއަށް އޭނާ ނުކުތީ ސްޕެއިންގެ ކްލަބްތައް ކަމަށްވާ އާރްއެސްޑީ އަލްކާލާ އަދި ބާސެލޯނާ އެތުލެޓިކް މެދުވެރިކޮށެވެ. އޭގެ ފަހުން، ވޯލްޑް ކަޕްގެ ކޮލިފައިން މަރުހަލާގެ ތެރެއިން އޭނާ ވަނީ އަގީރޭގެ ކޯޗިން ސްޓާފުންނާ ގުޅިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.