ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ފޯރިޔާއެކު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް 2026ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ރޭ މޮޅު ކުޅުމެއް ދައްކައި، އެމްޕީއެލް، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ޔުނައިޓެޑް ބީއެމްއެލް އަދި ޓީމު އެމްއޭސީއެލް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް އޭގެ ނަތީޖާތަކަށް ބަލާއިރު، 7-3ގެ ފަރަގު ބޮޑު ނަތީޖާއަކުން ޕޮލިސް ކުލަބު ބަލިކޮށް އެމްޕީއެލްއިން ވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައެވެ. ހަމައެއާ އެކު، 8-5އިން ކުލަބު ޓީޓީއެސްގެ މައްޗަށް ކުރި ހޯދައި، ސްޓެލްކޯއިން ވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ފިޔަވަޅު އަޅާފައެވެ. މި ދެ ޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެމްޕީއެލްއަށް އެއްވަނަ ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިން ޕޮއިންޓާއެކު ޓީޓީއެސްއަށް ތިންވަނަ ލިބުނުއިރު، ޕޮލިސް ކުލަބު މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ގްރޫޕް ބީގެ މެޗުތަކަށް ބަލާލާއިރު، ޓީމު ފެނަކަ ކޮޅަށް އަށް ލަނޑު ޖަހައިގެން ބީއެމްއެލް ވަނީ 8-3އިން މޮޅުވެ، ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އަތުން 5-4އިން އެމްއޭސީއެލް ބަލިވި ނަމަވެސް، ލަނޑުގެ ތަފާތުން ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އެ ޓީމަށް ވަނީ ކުއާޓާގެ ފުރުސަތު ލިބިފައެވެ. ކަސްޓަމްސް، ބީއެމްއެލް އަދި އެމްއޭސީއެލް އަށް ވެސް ހަ ޕޮއިންޓް ލިބުނު ނަމަވެސް، ކަސްޓަމްސްއަށް ކުއާޓާގެ ޖާގަ ގެއްލުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ފެނަކައަށް އެއްވެސް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެންޑޯސްމަންޓާ އެކު ކުޅޭ މި ފުޓްސަލް މުބާރާތުގައި ޖުމްލަ 17ޓީމު ވާދަކުރެއެވެ. މުބާރާތް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ގްރޫޕް ޑީގައި ފަސް ޓީމު ހިމެނެއެވެ. އަދި އަނެއް ތިން ގްރޫޕުގައި ހިމެނެނީ ހަތަރު ޓީމެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް މިރޭ ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.