ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަލިނުވުމުގެ ރެކޯޑަކާ އެކު އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީއަށް

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކުލަބުގެ މައްޗަށް 4-2އިން ކުރިހޯދައި، ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ކްލަސިކް 2026ގެ ތާޖު ކުލަބު އެޗްޑީސީން ހާސިލުކޮށްފިއެވެ.

އަންހެން ޑިވިޝަނުގެ ދެވަނަ ގިންތީގެ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ. އަލަތު ތަޖުރިބާގައި ވެސް އެ ޓީމުން ތަށި ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސައްތައިން ސައްތަ މޮޅުވުމުގެ ފުރިހަމަ ރެކޯޑަކާ އެކުގައެވެ.

ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އެޗްޑީސީއަށް ކުރިހޯދައި ދިނީ ފިރުޝާނާ ނަސީރެވެ. ނަމަވެސް ސްޓެލްކޯގެ ޝަހުލާ ތައުފީގު ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޗްޑީސީގެ ކެޕްޓަން ފާތިމަތު ޝާލިޔާ ވައްދާލި ލަނޑުން އެޓީމު އަލުން ލީޑު ނެގިއެވެ. ދެވަނަ ހާފުގައި ޝާލިޔާ އިތުރު ގޯލެއް ޖަހާފައި ވަނިކޮށް، ޝަހުލާ ވަނީ ސްޓެލްކޯއަށް ލަނޑެއް ޖަހައިދީ އުންމީދު އާކޮށްދީފައެވެ. އެހެންނަމަވެސް މެޗުގެ ފަހު މިނެޓުގެ ތެރޭގައި އެޗްޑީސީއަށް މޮޅު ޔަގީންކޮށްދިން ހަތަރުވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖެހި ފިރުޝާނާއެވެ. 

ނުވަ ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކްލަސިކް ކުއީން"ގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު އުފުލާލީ ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި އެޗްޑީސީގެ ޝާލިޔާއެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމަށް އިރުޝާދުދިން ފަރުހާދު އިސްމާޢީލެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޝާލިޔާ އާއި ފިރުޝާނާގެ އިތުރުން އެޗްޑީސީގެ އާމިނަތު ރިސާލާ އަދި ސްޓެލްކޯގެ ޝަހުލާ އާއި މަރިޔަމް ޒާނާ ޒަމީރު ވަނީ ހިމެނިފައެވެ. 

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޕްރިޒަން ކުލަބު ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިޔަކީ އެ ޓީމުގެ ފާތިމަތު އިނާޝާ އާދަމެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ކުޅިވަރާ ބެހޭ ވުޒާރާގެ އައިޝަތު މަރީޝާ ހާސިލުކުރިއިރު، އެންމެ ސަޕޯޓު ބޮޑު ޓީމަކަށް ހޮވުނީ ޗެމްޕިއަން އެޗްޑީސީއެވެ. 

ސަން ސިޔާމް މީޑިއާއިން ބްރޯޑްކާސްޓްކުރާ ކްލަބް މޯލްޑިވްސްގެ ހަތް މުބާރާތުގެ ތެރެއިން ހަ މުބާރާތް މިހާރު ނިމިފައިވާއިރު، ބާކީ އޮތް ސެކްޓަރ ލީގުގެ ކުޅުން މިއަދު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު