ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އާރުއާރުސީން ކްލަބް މޯލްޑިވްސް ކަޕް ދިފާއުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ކްލަބް މޯލްޑިވްސް ކަޕް 2026ގެ ފައިނަލުގައި، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 3-2ގެ ނަތީޖާއަކުން އެސްޓީއޯ ރެކްރިއޭޝަން ކުލަބުގެ މައްޗަށް ކުރިހޯދައި، ރޯޑް ރެކްރިއޭޝަން ކުލަބު (އާރުއާރުސީ)އިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.

މި ކާމިޔާބީއާ އެކު އާރުއާރުސީން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް، އަދި ޖުމްލަ ގޮތެއްގައި ތިންވަނަ ފަހަރަށް މި ޝަރަފުވެރި މުބާރާތުގެ ތަށި އަމިއްލަކޮށްފައެވެ. މީގެ ކުރިން 2021ވަނަ އަހަރާއި ފާއިތުވި 2025ވަނަ އަހަރު ވެސް މުބާރާތުގެ ރަސްކަންކުރީ އެޓީމުންނެވެ. އަނެއްކޮޅުން، މިއީ މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު، އަދި ހަތަރު ފަހަރު ތަށި ހޯދާފައިވާ އެސްޓީއޯއަށް ފައިނަލުގައި ކުރިމަތިލާންޖެހުނު ބޮޑު ނާކާމިޔާބީއެކެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އިސްމާޢީލް މުނީޒްގެ ގޯލާ އެކު އާރުއާރުސީން ކުރި ހޯދާފައިވަނިކޮށް، އެސްޓީއޯގެ އިސްމާޢީލް ޝަރީފް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފު ފެށިގެން އެސްޓީއޯއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ އިސްމާޢީލް އީސަ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، މެޗުގެ ތިރީސްވަނަ މިނެޓުގައި ޝަނާން ރަޝާދު ވަނީ އާރުއާރުސީއަށް އަލުން ނަތީޖާ ހަމަހަމަކޮށްދީފައެވެ. މުބާރާތުގެ ތަށި އާރުއާރުސީއަށް ޔަގީންކޮށްދިން މުހިންމު ލަނޑު، މެޗު ނިމެން މަދު ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުނީޒެވެ.

ސަތާރަ ޓީމު ވާދަކުރި މި އަހަރުގެ މުބާރާތުގެ "ކިންގް އޮފް ފުޓްސަލް"ނުވަތަ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބުނީ އާރުއާރުސީގެ ޝަނާނަށެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޝަނާންގެ އިތުރުން ހިމެނުނީ އެޓީމުގެ މޮހްސެން މޮންތަޒޭމީ އާއި، އެސްޓީއޯގެ އަޙްމަދު ރާހިލް ރަޝީދާއި، ހުސައިން ޝަރީފް އަދި ކީޕަރު މުޙައްމަދު ޒުހަލެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އާރުއާރުސީގެ އިސްމާޢީލް ޝަރީފް ހޮވުނުއިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ކުލަބު އެމްޓީސީސީގެ މުޙައްމަދު އިސާމެވެ.

މީގެ އިތުރުން ފެއާޕްލޭ ޓީމަކަށް ކުލަބު އެމްޓީސީސީ ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު އެޗްޑީސީގެ އަލީ އަލްސަނެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ އެޗްޑީސީގެ މުޒްދާން ހަސަނެވެ. އަދި ބެސްޓް ސަޕޯޓިން ޓީމުގެ މަގާމު ޗެމްޕިއަން އާރުއާރުސީން ހޯދިއިރު، މި މުބާރާތުގެ މެޗުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނީ ބްރޯޑްކާސްޓިން ޕާޓްނަރު ސަން ސިޔާމް މީޑިއާގެ ސަން ޕްލޭ އަދި އެސްއެސްޓީވީ މެދުވެރިކޮށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު