ވޮލީބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ކުޅިވަރުގެ ޢާއިލާގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ފަރާތުން މާފަންނު ޓާފް ދަނޑުގައި ބައިނަލްއަޤްވާމީ ވޮލީބޯޅަ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމް ޝަރަފުވެރިކޮށްދެއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ޓީމަށް ކުޅެފައިވާ ކުރީގެ ތަރިންނާއި މިހާރުގެ ކުޅުންތެރިންގެ އިތުރުން ވީއޭއެމްގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މިފަދަ މުނާސަބަތެއް ފާހަގަކުރުމުގެ މައިގަނޑު އަމާޒަކީ ވޮލީގެ ކުރިއެރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވުން ކަމަށެވެ. މީގެ އިތުރުން، އުފެދެމުން އަންނަ ޒުވާން ކުޅުންތެރިންގެ ހުނަރުތައް ދެނެގަނެ، އެ ކުޅުންތެރިންނަށް ފަހި މާޙައުލެއް ބިނާކުރުމަށް ޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުވަހާ ގުޅުވައިގެން ޚާއްޞަ ކޭކެއް ފެޅުމާއި ފޯރިގަދަ އެކުވެރިކަމުގެ މެޗުތަކެއް ކުރިއަށްދިޔަ މި ޙަރަކާތާ ގުޅޭގޮތުން ވީއޭއެމްގެ ސީނިއަރ ނައިބު ރައީސް މުޙައްމަދު ސާޖިދު ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އިވެންޓުގެ ބޭނުމަކީ ވޮލީ ޢާއިލާ އެއް ތަނަކުން ބައްދަލުވެ، އެކަކު އަނެކަކުގެ ތަޖުރިބާއާއި ހުނަރު ޙިއްޞާކުރެވޭނެ އުފާވެރި މާޙައުލެއް ޤާއިމުކުރުމެވެ. އަދި ކުޅިވަރުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެއްބައިވަންތަކަން އާލާކުރުމަކީ ވެސް މި ޙަރަކާތުގެ މުހިންމު ބައެއްކަމަށް ސާޖިދު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 7ވަނަ ދުވަސް ދުނިޔޭގެ ވޮލީ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިއީ އާންމުންނަށް މި ކުޅިވަރު ރަސްމީކޮށް ތަޢާރަފުކުރެވުނު ތާރީޚެވެ. އެމެރިކާގެ ފިޒިކަލް ޑައިރެކްޓަރެއް ކަމަށްވާ ވިލިއަމް ޖީ. މޯގަން އިސްވެ ހުރެ 1895ވަނަ އަހަރުގެ ފެބްރުއަރީ 9ވަނަ ދުވަހު މެސެޗޫސެޓްސްގައި އެންމެ ފުރަތަމަ ކުޅުނު މި ކުޅިވަރު، މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ 1947ވަނަ އަހަރު އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ)ވުޖޫދަށް އައުމާ ގުޅިގެންނެވެ. އޭގެ ފަހުން 1964ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ވޮލީބޯޅަ ހިމަނައި، އަދި 1996ވަނަ އަހަރު ބީޗް ވޮލީބޯޅަ ވެސް އޮލިމްޕިކްސްއަށް ވަނީ ތަޢާރަފުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.