އަންނަ މަހު ބޫޓާނުގައި ބާއްވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ކޮންގްރެސްގައި، އެ ޖަމިއްޔާގެ އައު ދައުރުގެ ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަގާމާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް ހުސައިން ޝާފިއު (ކޮކީ)ހަވާލުވެވަޑައިގަންނަވާނެކަން ޔަގީންވެއްޖެއެވެ.
މި މަގާމުތައް ކުރިއާލައި ކަށަވަރުވެފައި ވަނީ، ސާފްގެ އިސް މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ރައީސާއި ނައިބު ރައީސުންގެ އިތުރުން ހިންގާ ކޮމިޓީގެ މެންބަރުކަމަށް ވެސް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ކެންޑިޑޭޓުން ފޯމު ހުށަހަޅާފައި ނުވާތީއެވެ. އެހެންކަމުން، އަންނަ މަހުގެ އެއްވަނަ ދުވަހު ބޫޓާނުގައި އޮންނަ އާންމު ޖަލްސާގައި އޮންނާނީ އިންތިޚާބަކާ ނުލައި، ކުރިމަތިލެއްވި ހުރިހާ ބޭފުޅުން މަގާމުތަކަށް ރަސްމީކޮށް އައްޔަންކުރުމެވެ.
ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝާފިއު އަކީ ފުޓުބޯޅައިގެ ހިންގުމުގެ ދާއިރާގައި ފުޅާ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2019ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ އެފްއޭއެމްގެ މަތީ ފަންތީގެ އެކިއެކި މަގާމުތަކުގައި މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.