މިސްރުގެ ކޯޗު ހުސާމް ހަސަން، ވޯލްޑް ކަޕްގައި އޭނާގެ ޓީމުން ހޯދި ތާރީޚީ ނޮކްއައުޓް މޮޅު ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށް، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި އެ ގައުމުގެ ދިދަ ވިހުރުވައިލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ފަލަސްތީނަށް އޮތް ތާއީދު އަލުން ތަކުރާރުކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާޖެންޓީނާއާ ދެކޮޅަށް އޭނާގެ ޓީމު ކުޅެން އޮތް ގަދަ 16 ގެ މެޗާ ބެހޭގޮތުން ވާހަކަދެއްކުން މެދުކަނޑާލުމަށް ފަހު، ހަސަން ވަނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތާ ބެހޭގޮތުން ވަރަށް އަސަރުގަދަ ވާހަކަތަކެއް ދައްކާފައެވެ.
"ދުނިޔޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ނުވާ އެއްވެސް މީހަކު ހުރި ނަމަ، އެއީ އިންސާނެއް ނޫން , އެއީ އަރަތްބެއް، ޔޫރަޕް މީހެއް ނުވަތަ އެމެރިކާ މީހެއް ކަމުގައި ވިޔަސް،" ހަސަން ބުންޏެވެ. އޭނާ މި މައުޟޫއަށް ހަތަރު މިނެޓަށް ވުރެ ގިނައިރު ވާހަކަދެއްކިއިރު، އެތަނަށް އެއްވެ ތިބި ގިނަ ނޫސްވެރިން ވަނީ އޭނާއަށް އަތްތިލަބަޑި ޖަހާފައެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު "ހަނގުރާމަ ހުއްޓާލުމެއް" އޮތް ކަމަށް ބުނި ނަމަވެސް، ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޮކްޓޫބަރު 7ގައި އިސްރާއީލުން ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް ޣައްޒާއިން މަދުވެގެން 73,066 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި މަދުވެގެން 20,179 ކުޑަކުދިން ހިމެނެއެވެ. މީގެ ތެރެއިން މަދުވެގެން 463 މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 157 ކުޑަކުދިން ހިމެނެއެވެ.
އިސްރާއީލުގެ ނަސްލު ނައްތާލުމުގެ އަމަލުތަކާ ގުޅިގެން، ޣައްޒާގައި ގެދޮރު ގެއްލި، ކުނިބުނީގެ ތެރޭގައި ދިރިއުޅެމުންދާ 2 މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ތިބީ މުސްތަގުބަލާ މެދު ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ހުކުރު ދުވަހު ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ އަތުން އޭނާގެ ޓީމު މޮޅުވުމުން ފަލަސްތީނުގެ ދިދަ ވިހުރުވައިލަން މެދުވެރިވި ސަބަބާ ބެހޭގޮތުން ހަސަނާ ސުވާލުކުރުމުން އޭނާ ޖަވާބުދިނީ އެއީ "ހަމައެކަނި އިންސާނީ އިހުސާސެއް" ކަމަށެވެ.
"ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް، ޔޫރަޕް ނުވަތަ އެމެރިކާގައި ވިޔަސް، މީހަކު ޖަނަވާރަކަށް އަނިޔާއެއް ކޮށްފިނަމަ، ޖަނަވާރުންގެ ހައްގުތައް ދިފާއުކޮށް މުޅި ދުނިޔެ އެކަމަށް އިޖާބަދޭތަން ފެނޭ،" ހަސަން ބުންޏެވެ. "އެކަމަކު މިސައިލެއްގެ ސަބަބުން އެއް ދުވަސް ތެރޭގައި ދެތިން ހާސް މީހުން މަރުވާ އަޑުއެހުމަކީ މިހާރު އާދައިގެ ކަމަކަށް ވެއްޖެ."
މި ނަސްލު ނައްތާލުމުގެ އަމަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް ބާއްވަމުންދާއިރު، ސްޕެއިންގެ ލަމީން ޔަމާލް ހިމެނޭ ގޮތަށް ގިނަ އެތުލީޓުން ދަނީ އެމީހުންގެ ތާއީދު ހާމަކުރަމުންނެވެ.
ލިއޮނަލް މެސީއާ ބެހޭ ގޮތުންނާއި، މުބާރާތުގެ ޗެމްޕިއަނުންނާ ދެކޮޅަށް އޭނާގެ ޓީމަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން ކުރެވުނު ސުވާލުތަކަށް ހަސަން ޖަވާބު ދިން ނަމަވެސް، އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ބެހޭގޮތުން ދިގުކޮށް ވާހަކަދައްކާފައެވެ.
"ދީނަށް ބެލުމެއް ނެތި... އަހަންނަކީ އަރަތްބަކަށް ނުވަތަ އެހެން ބަޔަކަށް ނިސްބަތް ވުމުގެ ކުރިން އިންސާނެއް. ފުޓްބޯޅައިގެ ޒަރީއާއިން އަހަރެން ދޭން ބޭނުންވާ މެސެޖަކީ މިއީ: ފީފާގެ ޝިއާރުގައި އަހަރެމެންގެ މެދުގައި އިހުތިރާމް ކުރުމަށް ގޮވާލާ ފަދައިން، އިންސާނުން ދިރިއުޅުމުގެ ހައްގަށް އިހުތިރާމް ކުރާނެ ކަމަށް އުންމީދު ކުރަން،" ހަސަން ބުންޏެވެ.
އާޖެންޓީނާ އަތުން މޮޅުވެއްޖެ ނަމަ، މިސްރު ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ.
"އަހަރެންގެ ހުވަފެންތަކަކަށް ހައްދެއް ނެތް. އަހަރެންގެ އުންމީދުތަކަކަށް ހައްދެއް ނެތް. ސަޕޯޓަރުންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ވައުދު އަހަރެން ވަން،" ހަސަން ބުންޏެވެ.
"އަހަރެމެންނަކީ ބަލިކަށި ބައެއް ނޫން. އަހަރެމެންނަކީ ހުރިހާ ގޮތަކުން ވެސް ބޮޑު ބައެއް. އަހަރެމެންނަކީ 7,000 އަހަރުވީ، ނުވަތަ 7,000 އަހަރަށް ވުރެ ވެސް ދިގު ތާރީޚެއް އޮތް ހަޟާރާތެއް."
އަންގާރަ ދުވަހުގެ މެޗުން މޮޅުވާނެ ކަމަށް ބެލެވެނީ އޭނާގެ ޓީމު ނޫން ކަމަށް ހަސަން ގަބޫލުކުރި ނަމަވެސް، ޖެހިލުންނުވާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން މި ކުޅެނީ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނާއި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ [މެސީ] އާ ދެކޮޅަށްކަން އެނގޭ، އެކަމަކު އަހަރެމެން އެމީހުން ދެކެ ބިރެއް ނުގަނޭ."
"އަހަރެމެންގެ ބޮލުގައި އެޅިފައިވާ ޒިންމާގެ ސަބަބުން، އަހަރެމެންގެ އަމިއްލަ ނަފްސަށާއި ދަނޑުމަތީގައި ދެއްކޭނެ ކުޅުމަށް ސަމާލުކަން ދިނުމަށް މަގުފަހިވޭ،" އޭނާ އިތުރަށް ބުންޏެވެ.
"މިސްރާއި، އަރަބި ދުނިޔެއާއި އެފްރިކާއަށް ޓަކައި އަހަރެމެންގެ ބޮލުގައި ޒިންމާއެއް އެބައޮތް. އަހަރެމެން ތަމްސީލުކުރަނީ އެ ހުރިހާ އެންމެން."
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.