ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ކެނެޑާ އަތުން 3-0ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި މެޗުގައި އިދިކޮޅު ޓީމުން ވަރުގަދަ ޕްރެޝަރެއް ކުރިމަތިކުރުވި ނަމަވެސް، މެޗުގެ ކޮންޓްރޯލް ނަގައި މޮޅު ކުޅުމެއް ދެއްކީ މޮރޮކޯއިން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އުއަހްބީ ބުނެފިއެވެ.
ކެނެޑާއިން މެޗު ފަށައިގެން ނިމެންދެން ވެސް ވަރަށް ފޯރީގައި ކުޅުނު ކަމަށާއި، ނަމަވެސް މޮރޮކޯއިން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމުން ކެނެޑާ މޮޅުކަމަށް ބުނުމުގެ ޖާގައެއް ނެތްކަމަށް އުއަހްބީ ވަނީ ސިފަކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މެޗުގެ އޮއިވަރު މޮރޮކޯގެ ކޮޅަށް އެނބުރިގެން ދިޔައީ ޓީމަށް ގެނައި ބަދަލުތަކާއެކުގައެވެ. އަދި މެޗުގެ ކުރީކޮޅު ކެނެޑާއިން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ހުޝިޔާރުކަމާއެކު ދިފާއުކުރުމަކީ ވެސް ލިބުނު ބޮޑު ހިތްވަރެއްކަން ކޯޗު ފާހަގަކުރިއެވެ.
މޮރޮކޯއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިން އަޒެދީން އޮނާހީގެ ކުޅުމަށް ކޯޗު ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އުއަހްބީ ބުނި ގޮތުގައި އޮނާހީއަކީ މިހާރު ޓީމުގައި ހުރި އެންމެ މުހިންމު އަދި ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. ޓީމުގެ ކުޅުމުގެ ސްޓައިލަށް ގެނައި ބަދަލާ އެކު އޭނާ ކުޅޭ މަގާމު ބަދަލުވެ، އެ މަގާމަށް ހޭނުމަށް ކޮންމެވެސް ވަރެއްގެ ވަގުތެއް ނެގި ނަމަވެސް، މުބާރާތުގެ ފުރަތަމަ ދެ މެޗަށްފަހު އޮނާހީ ވަނީ އާ މަގާމަށް ފަރިތަވެ ޓީމަށް ގިނަ ފައިދާތަކެއް ކޮށްދީފައެވެ.
މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކެނެޑާގެ ކޯޗު ޖެސީ މާޝް ބުނީ، ދުނިޔޭގެ ރޭންކިންގެ ހަތްވަނައިގައި އޮތް ޓީމަކާ ދެކޮޅަށް ކުޅެ ފުރަތަމަ ހާފުގައި ކެނެޑާއިން މެޗު ޑޮމިނޭޓްކުރި ކަމަށެވެ. ދެ ހާފުގެ ފެށުން ވެސް ކެނެޑާއިން ރަނގަޅުކުރި ނަމަވެސް، މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ މޮރޮކޯއިން ޖެހި ފުރަތަމަ ލަނޑާއެކުގައި ކަމަށް މާޝް އެއްބަސްވިއެވެ. އަދި މެޗުގެ ކުރިން ކެނެޑާއިން މި ފެންވަރުގައި ކުޅޭނެކަން އެނގުނު ނަމަ، މެޗު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވާނެކަމަށް ގަބޫލުކުރެވުނީސް ކަމަށް ވެސް އޭނާ ބުންޏެވެ.
ކެނެޑާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އަލްފަންސޯ ޑޭވިސް މި މެޗުގައި ނުކުޅެނީ އޭނާ ފިޓު ނުވުމުގެ ސަބަބުންނެވެ. މާޝް ހާމަކުރި ގޮތުގައި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ޑޭވިސްއަށް އުނދަގޫތަކެއް ވުމާ ގުޅިގެން ހެދި އެމްއާރުއައި ޓެސްޓަކުން އޭނާއަށް އަނިޔާވެފައިވާކަން ވަނީ ޔަގީންވެފައެވެ. އެހެންކަމުން މެޗުގެ ކުރިން އިތުރަށް ބެލުމަށް ފަހު، ރިސްކެއް ނުނެގުމުގެ ގޮތުން އޭނާ ނުކުޅުވަން ނިންމީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.