ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވަރުގަދަ މޮރޮކޯއާ ދެކޮޅަށް ކެނެޑާ ކުރިމަތިލަނީ ފުރުޞަތެއް އޮތްކަމަށް ދެކިގެން!

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގެ މެޗުތައް މިރޭ ފެށޭއިރު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ނުކުންނާނީ ޓެކްސަސްގެ ހިއުސްޓަންގައި މޮރޮކޯއާ ދެކޮޅަށެވެ.

މިއީ ކެނެޑާގެ ފުޓްބޯޅައަށް ތާރީޚީ ދުވަހެކެވެ. ސައުތު އެފްރިކާ އަތުން ފަހު ވަގުތު ހޯދި ފޯރިގަދަ މޮޅާއެކު، އެ ގައުމުގެ ފިރިހެން ޓީމު ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަދަ 16ގެ ބުރުން ޖާގަ ހޯދާފައެވެ.

ނަމަވެސް، ހުވަފެނީ ދަތުރު ކުރިއަށް ގެންދިއުމަށް ކެނެޑާއަށް އޮތީ ބޮޑު ގޮންޖެހުމެކެވެ. އެއީ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ހައިރާންކޮށްލުމަށް ފަހު މި ބުރަށް ދަތުރުކުރި މޮރޮކޯއާ ދެކޮޅަށް ކުޅެން ޖެހުމެވެ.

އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލިސްޓުން އަދި އެފްރިކާގެ ޗެމްޕިއަނުން ކަމަށްވާ މޮރޮކޯ މިއަހަރުގެ މުބާރާތުގައި އަދި ބަލިވެފައެއް ނުވެއެވެ. އަދި ކޮންމެ މެޗަކަށްފަހު އެޓީމު ދަނީ އިތުރަށް ވަރުގަދަވަމުންނެވެ.

ކެނެޑާ ގްރޫޕް ބީގެ ދެވަނަ ހޯދީ ހަތަރު ޕޮއިންޓާއެކުގައެވެ. އެއީ ގަތަރު އަތުން މޮޅުވެ، ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ އެއްވަރުވެގެންނެވެ. ގްރޫޕްގެ ފަހު މެޗުގައި އެޓީމު ވަނީ ސްވިޒަލޭންޑް އަތުން ބަލިވެފައެވެ. ގަދަ 32ގެ ބުރުގައި ކެނެޑާ ވަނީ 1-0އިން ސައުތު އެފްރިކާ ބަލިކޮށްފައެވެ.

މޮރޮކޯ ގްރޫޕް ސީގެ ދެވަނަ ހޯދީ ހަތް ޕޮއިންޓާއެކުގައެވެ. އެއީ ސްކޮޓްލޭންޑް އަދި ހެއިޓީ އަތުން މޮޅުވެ، ބްރެޒިލްއާ އެއްވަރުވެގެންނެވެ. ގަދަ 32ގެ ބުރުގައި، ފަހު ވަގުތު ލަނޑެއް ޖަހައިގެން މެޗު އިތުރު ވަގުތަށް ގެންގޮސް، ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓެއްގައި ނެދަލެންޑްސްގެ މައްޗަށް 3-2އިން އެޓީމު ވަނީ ކުރިހޯދާފައެވެ.

މި މެޗުގައި ކެނެޑާއަކީ ބަލިވާނެ ޓީމުގެ ގޮތުގައި ބެލެވޭ ޓީމެވެ. ފީފާ ރޭންކިންގެ ހަވަނައިގައި އޮތް މޮރޮކޯއަށް ވުރެ ކެނެޑާ އޮތީ 24ދަރަޖަ ފަހަތުގައެވެ. ނަމަވެސް، މި މުބާރާތުގައި ގިނަ ރެކޯޑްތަކެއް މުގުރާލުމަށް ފަހު އެޓީމުގެ މި ދަތުރަކީ ބޮޑު ކާމިޔާބީއެކެވެ.

"މޮރޮކޯއާ ދެކޮޅަށް ތައްޔާރުވުމަކީ ބިރުވެރި، ހިތްދަތި ހުވަފެނެއް ފަދަ ކަމެއް"ކޯޗު ޖެސީ މާޝް ބުންޏެވެ"

(އެކަމަކު)އަހަރެމެން ބޭނުންވީ މި ހިސާބަށް އަންނަން، އަދި އުންމީދު ވެސް ކުރިން. އެހެންވީމާ އެންމެން ވެސް އަހަރެމެން ބަލިވާނެ ކަމަށް ނިންމާނެކަން އެނގޭ، އަދި އޭގެ ތެރޭގައި ފުރުސަތެއް އެބައޮތް"

މޮރޮކޯއަށް ބަލާއިރު، ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗަކީ އުތުރު އެމެރިކާގައި މި ހޫނު މޫސުމުގައި އެޓީމުން ކުރިއަށްދާން ބޭނުންވާ ދިގު ދަތުރުގެ އިތުރު ހުރަހެކެވެ. މީގެ ހަތަރު އަހަރު ކުރިން ސްޕެއިންއާއި ޕޯޗުގަލް ސިއްސުވާލުމަށް ފަހު، ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އަރަބި އަދި އެފްރިކާގެ ގައުމުގެ ޝަރަފު ހޯދި މޮރޮކޯ މިފަހަރު އައީ މާ ބޮޑު އުންމީދުތަކަކާއި އަމާޒުތަކަކާއެކުގައެވެ.

"އަހަރެމެންނަށް ކަންކަން ގޯސްކޮށް ދިއުމުން، ޖެހޭނީ ގެއަށް ދާން"މޮރޮކޯގެ މެނޭޖަރު މުހައްމަދު އުއާބީ ބުންޏެވެ.

"އަހަރެމެންގެ ބާރުގައި ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައިގެން، ވީހާ ވެސް ދުރަށް ދިއުމަށް ކަށަވަރު ކުރަންޖެހޭ"

ކެނެޑާއިން މޮރޮކޯގެ މުހިންމު ފޯވާޑް އިސްމާއިލް ސައިބާރީއަށް ސަމާލުވާން ޖެހޭނެއެވެ. އޭނާއަކީ ތިން ލަނޑާ އެކު އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ އިތުރުން، ބަޔާން މިއުނިކަށް އަލަށް ސޮއިކުރި ކުޅުންތެރިޔާއެވެ. އަދި ގަދަ 16އަށް އެޓީމު ގެންގޮސްދިން މޮޅުވި ޕެނަލްޓީ ޖެހީވެސް އޭނާއެވެ.

އޮޕްޓާ ސުޕަކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި މެޗުގެ ފުރިހަމަ ވަގުތުގައި މޮރޮކޯ މޮޅުވުމުގެ ފުރުސަތު 52.7އިންސައްތަ އޮތްއިރު، ކެނެޑާ މޮޅުވުމުގެ ފުރުސަތަކީ 21.7އިންސައްތައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު