2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޓިއުނީޝިއާގެ ޤައުމީ ފުޓްބޯޅަ ޓީމު ކަޓައި މުބާރާތާ އަލްވަދާޢު ކިޔަންޖެހުމުގެ ސަބަބުން، އެ ޓީމާ ހަވާލުވެހުރި ފްރާންސްގެ ތަޖުރިބާކާރު ކޯޗު ހާވޭ ރެނާޑް އޭނާގެ މަގާމުން އިސްތިއުފާދީފިއެވެ.
އުމުރުން 57އަހަރުގެ މި ކޯޗު އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޓިއުނީޝިއާ ޓީމާ އެކު އޭނާ ފެށި ދަތުރުގެ ނިމުން އައިސްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި އެ ޤައުމަށް އިރުޝާދުދިނުމަކީ ލިބުނު ފަޚުރެއްކަން ފާހަގަކޮށް، ޓިއުނީޝިއާގެ ފުޓްބޯޅަ އިދާރާއިން އޭނާއަށް ކުރި އިތުބާރަށް ޝުކުރުއަދާކުރަމުން ބުނެފައި ވަނީ، މިއީ އޭނާގެ ހަނދާނުން ފިލައިގެންދާނެ ތަޖުރިބާއެއް ނޫންކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ރެނާޑްގެ އިރުޝާދުގެ ދަށުން ޓިއުނީޝިއާ ކުޅެފައި ވަނީ އެންމެ ދެ މެޗެވެ. މުބާރާތް ފެށިގެން ސްވިޑަންއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމާ އެކު އޭރު ހުރި ކޯޗު ލަމޫޗީ ވަނީ ވަގުތުން މަގާމުން ދުރުކޮށްފައެވެ. އޭގެ ފަހުން ރެނާޑް ޓީމާ ހަވާލުވި ނަމަވެސް، ޖަޕާން އަތުން 4-0އިން ބަލިވުމުން އޭނާ ވަނީ އެ ނަތީޖާއާ މެދު އިންތިހާއަށް ލަދުގަންނަ ކަމަށް ބުނެފައެވެ. އަދި ފަހު މެޗުގައި ނެދަލެންޑްސް އަތުން 3-1އިން ބަލިވެ، މޮޅެއް ނުލިބި އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
ކޮލިފިކޭޝަން މަރުހަލާގައި އެއްވެސް ލަނޑެއް ބައިކޮޅަށް ނުވަދެ މުބާރާތުން ޖާގަ ހޯދުމުން، އެ ޓީމަށް ގިނަ ބަޔަކު ކުރި އުއްމީދުތައް ވޯލްޑް ކަޕްގައި ވަނީ އެއްކޮށް ފެނަށް ގޮސްފައެވެ. މިއާ އެކު ޤައުމީ ޓީމުގެ ކުރިމަގާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ސާޅީސް އަށް ޤައުމު ވާދަކުރި މި މުބާރާތުގައި ޓިއުނީޝިއާގެ ކޮޅަށް ބާރަ ލަނޑު ވަދެފައިވާއިރު، މިއީ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖެއްގައި އެއް ޓީމެއްގެ ކޮޅަށް އެންމެ ގިނަ ލަނޑު ވަން ޓީމުގެ ގޮތުގައި ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ އަދަދެކެވެ. މީގެ ކުރިން މި ދަށް ރިކޯޑު އޮންނަނީ 2022ވަނަ އަހަރުގެ މުބާރާތުގައި އެގާރަ ލަނޑު ބައިކޮޅަށް ވަން ކޮސްޓަރީކާ އަތުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.