ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓިއުނީޝިއާގެ ކޯޗަކަށް ރެނާޑް ހަމަޖައްސައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޓިއުނީޝިއާގެ ކޯޗްގެ މަގާމަށް ފްރާންސްގެ ތަޖުރިބާކާރު ކޯޗު ހާވޭ ރެނާޑް އައްޔަންކޮށްފިއެވެ.

ޓިއުނީޝިއާގެ ކޯޗްގެ މަގާމު ހުސްވީ ވޯލްޑް ކަޕް ގެ ފުރަތަމަ މެޗުން ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ކޯޗުކަމުން ސަބްރީ ލަމޫޗީ ވަކިކުރުމުންނެވެ.

ޓިއުނީޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ބަދަލު ގެނައިކަން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، އުމުރުން 57އަހަރުގެ ރެނާޑް ވަގުތުން ޓީމާ ހަވާލުވާނެއެވެ.

ލަމޫޗީ މަގާމުން ވަކިކުރަން ނިންމީ މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ސްވިޑަން އަތުން 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިވުމާ ގުޅިގެންނެވެ. ރެނާޑް މި ވަގުތު ޓީމާ ހަވާލުވީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިއަށް ހުރި މެޗުތަކަށެވެ. ނަމަވެސް، މުބާރާތް ނިމުމުން އޭނާގެ އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު އޮތް ކަމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

ރެނާޑަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން 2022ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި ސައުދީ އަރަބިއްޔާއަށް އިރުޝާދުދީ، ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް އޭނާ ވަނީ ދުނިޔެ ސިއްސުވާލާފައެވެ. މީގެ އިތުރުން، 1998ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް 2018ގެ ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިކޮށްދީ، އެ މުބާރާތުގައި އެ ގައުމަށް އިރުޝާދުދިނީ ވެސް ރެނާޑެވެ.

އޭނާ ވަނީ 2023ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕުގައި ފްރާންސްގެ ގައުމީ ޓީމަށް ކޯޗުކަންކޮށްދީ، އެ ޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދީފައެވެ. މީގެ އިތުރުން، ޒެމްބިއާ އާއި އައިވަރީ ކޯސްޓަށް ވެސް ކޯޗުކަންކޮށްދީފައިވާ ރެނާޑަކީ ދެ ތަފާތު ގައުމަކާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ. އޭނާ ވަނީ 2012ގައި ޒެމްބިއާއާ އެކު އަދި 2015ގައި އައިވަރީ ކޯސްޓާ އެކު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ޓިއުނީޝިއާ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 20ވަނަ ދުވަހު މޮންޓެރޭގައި ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު