މެންޗެސްޓަރ ސިޓީގެ ޑިފެންސިވް ލައިން ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރި ނެދަލެންޑްސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނޭތަން އަކޭ، ގާތްގަނޑަކަށް 8.5މިލިޔަން ޕައުންޑުގެ އަގަކަށް ތުރުކީވިލާތުގެ މަޝްހޫރު ކުލަބު ފެނަބާޗޭއަށް ބަދަލުވެއްޖެއެވެ.
ބޯންމަތް ދޫކޮށް 2020ވަނަ އަހަރު 40މިލިޔަން ޕައުންޑަށް ސިޓީއަށް ސޮއިކުރި އުމުރުން 31އަހަރުގެ ކުޅުންތެރިޔާ ވަނީ އެ ކުލަބުގައި ހޭދަކުރި 6އަހަރުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ސިޓީގެ ޖާޒީގައި ޖުމްލަ 177މެޗު ކުޅެ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގު ހަތަރު ފަހަރު، އަދި އެފްއޭ ކަޕާއި ލީގު ކަޕް، މިއިން ކޮންމެ މުބާރާތެއް ދެފަހަރު ކާމިޔާބުކޮށްފައެވެ.
ކާމިޔާބު ދުވަސްތަކަކަށް ފަހު އިނގިރޭސިވިލާތުގެ ޗެމްޕިއަނުންނާ އަލްވަދާޢު ކިޔަމުން އަކޭ ހާމަކުރި ގޮތުގައި، ފާއިތުވި ހަ އަހަރު ސިޓީއަށް ކުޅުމަކީ އޭނާއަށް ލިބިގެންދިޔަ ނުހަނު ބޮޑު ފަޚުރެކެވެ. އަދި އެފަދަ ޚާއްޞަ ޓީމެއްގެ ހިއްސާއަކަށް ވެވުނީތީ އިންތިހާއަށް އުފާކުރާކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ޤައުމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އަކޭ ވަނީ 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް ތަމްސީލުކޮށް، އެ މުބާރާތުގައި ތިން މެޗެއް ކުޅެފައެވެ. ނަމަވެސް އެ ފަހަރުގެ މުބާރާތުން ނެދަލެންޑްސް ކަޓާފައި ވަނީ ދެވަނަ ބުރުގައި މޮރޮކޯއާ ވާދަކޮށް ބަލިވުމާ ގުޅިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.