މިސްރުގެ ކޯޗު ހުސާމް ހަސަން، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އޮސްޓްރޭލިއާ އަތުން އެޓީމު ހޯދި ތާރީޚީ މޮޅުވުން ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ.
ފަލަސްތީނުގެ ރައްޔިތުން ވެސް ވަނީ މުޅި އަރަބި ދުނިޔެއާ އެކު ރޭގަނޑު ހަތަރުދަމު މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގައި ބައިވެރިވެފައެވެ.
ރޭ ޑެލަސް ސްޓޭޑިއަމްގައި ކުޅުނު ގަދަ 32 ގެ ފޯރިގަދަ މެޗުގެ އިތުރު ވަގުތު ހަމަވިއިރު 1-1އިން އެއްވަރުވުމުން، މިސްރުން ވަނީ ޕެނަލްޓީގައި 4-2 އިން އޮސްޓްރޭލިއާ ބަލިކޮށް، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އެގައުމުގެ ފުރަތަމަ މޮޅުވުން ހޯދާފައެވެ.
އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވުމުން، މިސްރަށް މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކުރީ ހުސާމް އަބްދުލްމަޖީދެވެ. މި މޮޅާ އެކު މިސްރު ވަނީ ގަދަ 16 ގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުމަށް ދަތުރުކޮށްފައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި އިމާމް އަޝޫރު ބޮލުން ޖެހި ލަނޑުން މިސްރަށް ކުރިހޯދައިދީފައި ވަނިކޮށް، ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި މުހައްމަދު ހާނީ އަތުން ބައިކޮށްލި ލަނޑުން ނަތީޖާ އެއްވަރުވިއެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހަސަން ބުންޏެވެ: "ﷲ އެމީހުންނަށް [ފަލަސްތީނުގެ ރައްޔިތުންނަށް] ނަސްރު ދެއްވާށި، އަދި އެމީހުންގެ ޝަހީދުންނަށް ރަހުމަތް ލައްވާށި.
"އަހަރެން އެމީހުންނަށް މި ބުނަނީ: އަހަރެން މި ކާމިޔާބީ ހަދިޔާކުރަނީ މިސްރުގެ ރައްޔިތުންނަށާއި ފަލަސްތީނުގެ ރައްޔިތުންނަށް، އެ ހިތްހެޔޮ އަދި އިއްޒަތްތެރި ރައްޔިތުންނަށް."
މިސްރުން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން ހޯދި ފުރަތަމަ މޮޅަށް ފަހު، ހަސަން ވަނީ މިސްރާއި ފަލަސްތީނުގެ ދެ ދިދަ ހިފައިގެން ދަނޑުމައްޗަށް އަރާފައެވެ. އަދި އެވަގުތު މުޅި ޓީމު އެކުގައި ދަނޑުމަތީގައި ސަޖިދަ ކުރިއެވެ.
ފަލަސްތީނުގެ ގިނަ އަދަދެއްގެ ފުޓްބޯޅަ ސަޕޯޓަރުން ވަނީ މިސްރާއެކު އެމީހުންގެ އުފާވެރިކަން ހިއްސާކުރުމަށް ސޯޝަލް މީޑިއާ ބޭނުންކޮށްފައެވެ.
"ފުރަތަމަ ފަހަރަށް، އަހަރެން މިހާ ބޮޑު ފޯރިއަކާއެކު ވޯލްޑް ކަޕް މި ބަލަނީ،" ގައްޒާގައި ދިރިއުޅޭ ތާމިރު ނާހިދު އެކްސްގައި ލިޔެފައިވެއެވެ.
"މީގެ ކުޑައިރުކޮޅެއް ކުރިން މިސްރު މޮޅުވި ތަން ފެނުމުން އަހަރެން ވަރަށް އުފާވި، އެކަމަކު އެންމެ ރީތި މަންޒަރަކީ މިތަނުން ފެނުނު މަންޒަރު... އެތައް ހާސް ބަޔަކު އެމީހުންގެ ފޭލިގެތަކުންނާއި ސުންނާފަތިވެފައިވާ ގެތަކުގެ ތެރެއިން ނުކުމެ މެޗު ބަލަން ތިބި މަންޒަރު.
"މޫނުތަކުން ހިނިތުންވުން ފެނި، މުޅި ސަރަހައްދުގައި އުފާވެރިކަމުގެ އަޑުތައް ގޮވަމުންދިޔަ، އަދި ހީވީ ވަށައިގެން ހިނގަމުންދާ ކަންތައްތަކާ އެކު ވެސް، އެންމެން އެމީހުންގެ އަމިއްލަ ނަފްސަށް ދިރިއުޅުމުގެ އުފާވެރި ވަގުތުކޮޅެއް ދޭން ނިންމިހެން،" އޭނާ ލިޔެފައިވެއެވެ.
ހިސާރުކޮށްފައިވާ ގައްޒާގެ ސޯޝަލް މީޑިއާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޮން އަޅާފައިވާ އިމާރާތްތަކާއި ވަގުތީ ފޭލިގެތަކުގެ ކައިރީގައި މެޗު ބަލަން މީހުން އެއްވެފައި ތިއްބެވެ. ބައެއް މީހުން ހިނިތުންވެފައި ތިބިއިރު، ގިނަ ކުދިންތަކެއްގެ މޫނުގައި މިސްރުގެ ދިދަ ކުރަހައިގެން ދިދަ ހިފައިގެން ތިއްބެވެ.
މިސްރު މޮޅުވުމުގެ ގަޑިއިރުތަކެއް ކުރިން، އެޓީމުގެ ބައެއް މެންބަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ދައުރުވެފައެވެ.
މިސްރުގެ ގައުމީ ޓީމުން ބުނި ގޮތުގައި، ހުކުރު ދުވަހު ޓީމު ތިބި ހޮޓަލުގައި ސަޕޯޓަރަކާ އެކު ފޮޓޯއެއް ނަގަން އުޅުމުގެ ތެރޭގައި، ޑެލަސްގެ ފުލުހަކު ވަނީ އެޓީމުގެ ޑައިރެކްޓަރު އިބްރާހިމް ހަސަން އާއި ކުޅުންތެރިޔާ ޓްރެޒެގޭ ކޮއްޕާލާފައެވެ.
ޑެލަސް ޕޮލިސް ޑިޕާޓްމަންޓުން ވަނީ އެ މައްސަލަ އެތަނުން ހައްލުކޮށްފައިވާ ކަމަށް ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.