ވޯލްޑް ކަޕުން ނެދަލެންޑްސް ކެޓުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ނަސްލީ ތަފާތުކުރުމުގެ މެސެޖުތަކާ ގުޅިގެން، ޑަޗް ފުޓްބޯލް އެސޯސިއޭޝަން (ކޭއެންވީބީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ހޯމަ ދުވަހު ކުޅުނު ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯ އަތުން ނެދަލެންޑްސް ބަލިވުމާ އެކު، ހާއްސަކޮށް އެ ގައުމުގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް އަމާޒުކޮށް އިންޓަނެޓުގައި ގިނަ އަދަދެއްގެ ހުތުރު ބަސްތައް ރައްދުކޮށްފައިވެއެވެ.
ކޭއެންވީބީ އިން ހުކުރު ދުވަހު ބުނީ، އިތުރު ގާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި އެ މެސެޖުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލުކުރަމުންދާ ކަމަށެވެ.
“ބަދުނަސީބަކުން، ނަސްލީ ތަފާތުކުރުމުގެ ހުރިހާ އަމަލެއް ދެނެގަނެ، އެކަން ކުރާ ކޮންމެ މީހަކު ހައްޔަރުކުރުމަކީ އަބަދު ކުރެވޭނެ ކަމެއް ނޫން. ނަމަވެސް ކޭއެންވީބީ އިން ބޭނުން ވަނީ ވަރަށް ސާފު މެސެޖެއް ދޭން،” އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
“ހައްދުތަކެއް ކަނޑައެޅިފައިވޭ، އަދި އެ ހައްދުތަކުން ބޭރުވާ މީހުންނަށް އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ.”
މީގެ ކުރިން ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ނެދަލެންޑްސް ބަލިވީ، މެކްސިކޯގެ މޮންޓެރޭގައި ހޯމަ ދުވަހު ކުޅުނު ގަދަ 32ގެ މެޗު 1-1އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުންނެވެ.
ކޭއެންވީބީ އިން ބުނި ގޮތުގައި، ޕެނަލްޓީ ނާކާމިޔާބުވި ތިން ކުޅުންތެރިން ކަމަށްވާ ޖަސްޓިން ކްލައިވަޓް، ކްވިންޓަން ޓިމްބާ އަދި ކްރައިސެންސިއޯ ސަމަވިލްއަށް މެޗަށް ފަހު އިންޓަނެޓުގައި “ނަސްލީ އަދި ތަފާތުކުރުމުގެ” ބޮޑެތި ފުރައްސާރަތަކެއް ވަނީ ކުރިމަތިވެފައެވެ.
ބޮޑުވަޒީރު ރޮބް ޖެޓެން ހުކުރު ދުވަހުގެ ކުރީކޮޅު ނޫސްވެރިންނަށް ވިދާޅުވީ، ނަމޫނާއެއް ދެއްކުމުގެ ގޮތުން ޕްރޮސެކިއުޓަރުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ގަދަ 32 ގެ މެޗަށް ފަހު ހިނގާދިޔަ ކަންތައްތަކަކީ “ޔަގީނުން ވެސް އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން،” ޖެޓެން ވިދާޅުވި އެވެ.
“އެއް ވަގުތެއްގައި އެއީ ‘އަހަރެމެންގެ ކުދިން’، އަދި އެކުދިން އޮރެންޖު ޖާޒީ ލައިގެން ތިބޭއިރު އެއީ ކޮން ކުލައެއްގެ ބައެއްތޯއެއް އަހަރެމެންނެއް ނުބަލަން. އެކަމަކު މީހަކު އަތުން ޕެނަލްޓީއެއް ނާކާމިޔާބުވާ ހިސާބުން، ކޮންމެ ދިމާލަކުން ވެސް ހަޑިހުތުރު ބަސްތައް އޮހެން ފަށާ،” ބޮޑުވަޒީރު އިތުރަށް ވިދާޅުވިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.