ކުރިއަށް އޮތް ވޯލްޑްކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން މެސީގެ އާޖެންޓީނާ ، ރޮނާލްޑޯގެ ޕޯޗްގަލްގެ އަތްދަށު ވާނެ ކަމަށާއި ، މުބާރާތުގެ ތަށި ކާމިޔާބުކުރާނީ ނެދަރލެންޑްސްކަމަށް ، ވޭތުވެދިޔަ ތިން ވޯލްޑްކަޕްގެ ޗެމްޕިއަނުން ދިމާކުރި ތަފާސްހިސާބުތަކުގެ މާހިރު ޔަކީމް ކްލެމެންޓް ލަފާކޮށްފިއެވެ.
2010ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޖަރުމަނުގެ ހުރިހާ މެޗެއްގެ ނަތީޖާ "ޕޯލް ދަ އޮކްޓޮޕަސް" ރަނގަޅަށް ލަފާކުރުމުން، އޭނާ މުޅި ދުނިޔެއަށް މަޝްހޫރުވެގެންދިޔައެވެ. ގަލްފް ނިއުސްއިން ވެސް އަމިއްލަ ލަފާކުރާ އެއްޗެއްގެ ގޮތުގައި "ޝަހީން ދަ ކެމަލް" ބޭނުންކުރިއެވެ. ނަމަވެސް ޕޯލްއާ ހިލާފަށް، ސަހަރާގެ މި ޖަމަލަށް ހުރިހާ ކަމެއް ރަނގަޅަށް ލަފައެއް ނުކުރެވުނެވެ.
ނަމަވެސް، މިހާރު ޖަރުމަނުގެ އިޤްތިޞާދީ މާހިރަކު މި ދެ ފަރާތަށްވު ރެ ކުރި ހޯދާފައިވާ ކަމަށް ބެލެވެއެވެ.
އެކި ރިޕޯޓްތައް ބުނާގޮތުން، ޔަކީމް ކްލެމެންޓް ވަނީ ވޭތުވެދިޔަ ތިން ވޯލްޑް ކަޕްގެ ޗެމްޕިއަނުން ރަނގަޅަށް ލަފާކުރި ތަފާސްހިސާބުގެ މޮޑެލްއެއް ތައްޔާރުކޮށްފައެވެ. މި މޮޑެލްއިން 2014ގައި ޖަރުމަނު، 2018ގައި ފްރާންސް އަދި 2022ގައި އާޖެންޓީނާ މޮޅުވާނެ ކަމަށް ލަފާކުރިއެވެ. އަދި 2026ވަނަ އަހަރުގެ މުބާރާތުގައި ނެދަލޭންޑްސްއިން އެންމެ ފަހުން ތަށި އުފުލާލާނެ ކަމަށް މި މޮޑެލްއިން ލަފާކުރެއެވެ.
މިކަން މިގޮތަށް ހިނގައިފި ނަމަ، ކްލެމެންޓްގެ މޮޑެލްއިން ޖެހިޖެހިގެން ހަތަރު ވޯލްޑް ކަޕްގެ ޗެމްޕިއަނުން ކާމިޔާބުކަމާ އެކު ލަފާކުރި ކަމަށް ވާނެއެވެ. ފުޓްބޯޅައިގައި ނަތީޖާ ލަފާކުރަން އުނދަގޫ މިންވަރަށް ބަލާއިރު މިކަން ވެގެންދާނީ ހައިރާންކުރުވަނިވި ކާމިޔާބީއެކެވެ.
މި މޮޑެލްއަކީ ހަމައެކަނި ޗެމްޕިއަނުން ހޮވުމަށް ވުރެ މާ ފުން މޮޑެލްއެކެވެ. މިއިން މުޅި މުބާރާތް ކުރިއަށްދާނެ ގޮތް ކުރަހާލައި، ދިމާވާނެ ބައެއް ހައިރާންކުރުވަނިވި ކަންކަން ލަފާކުރެއެވެ. އޭގެ ތެރޭގައި ގަދަ 32ގެ ބުރުގައި ޖަޕާނުން ބްރެޒިލް ބަލިކުރުމާއި، ހަމަ އެ ބުރުގައި ދެކުނު ކޮރެއާއިން ސްކޮޓްލޭންޑް ކަޓުވާލުން ހިމެނެއެވެ.
މީގެ އިތުރުން ފުޓްބޯޅަ ސަޕޯޓަރުންގެ ސަމާލުކަން ވަގުތުން ހޯދާނެ ފަދަ ބޮޑު ކުއާޓާ ފައިނަލްގެ ލަފާކުރުމެއް ވެސް އެބައޮތެވެ. ކްލެމެންޓްގެ މޮޑެލްއިން ލަފާކުރާ ގޮތުގައި އާޖެންޓީނާއާއި ޕޯޗުގަލް ބައްދަލުކުރާނެއެވެ. މިއީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކުރިމަތިލުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
އަދި އެ ހިސާބަކުން ނުނިމެއެވެ. މި މޮޑެލްއިން ލަފާކުރާ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަނުންގެ މައްޗަށް ޕޯޗުގަލްއިން ކުރިހޯދައި، ތަށި ދިފާއުކުރުމަށް މެސީ ކުރާ އުންމީދުތައް ނިމުމަކަށް ގެނެސް، ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެން ދިރުވާނެއެވެ.
އިންގްލެންޑް ސެމީ ފައިނަލަށް ދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ޕޯޗުގަލް އަތުން ބަލިވާނެ ކަމަށް ބެލެވެއެވެ. މިއީ 2006ވަނަ އަހަރު ޕޯޗުގަލް އަތުން ބަލިވެ އިންގްލެންޑް ވޯލްޑް ކަޕުން ކެޓި ހިތްދަތި ހަނދާންތައް އާކޮށްދޭނެ ކަމެކެވެ.
ނަމަވެސް، މީގައި ބޮޑު އެހެން ހުރަހެއް އެބައޮތެވެ.
މި ލަފާކުރުންތައް ހަދާފައިވަނީ ޑަޗްގެ ޒަވީ ސައިމަންސްއަށް އަނިޔާވުމުގެ ކުރިންނެވެ. މިއީ ވޯލްޑް ކަޕްގެ ކުރިން އެ ޓީމަށް ލިބުނު ބޮޑު ގެއްލުމެކެވެ. މީގެ އިތުރުން ނެދަލޭންޑްސް މުބާރާތާ ކުރިމަތިލަނީ އެކުވެރިކަމުގެ މެޗެއްގައި އަލްޖީރިއާ އަތުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވުމަށް ފަހުއެވެ. އެ މެޗުގައި ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު ލޫކާ ޒިދާން ވަނީ ގޯލުގައި މުހިންމު ސޭވްތަކެއް ކޮށްފައެވެ.
ރޮނާލްޑް ކޫމަންއަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
އެހެންނަމަވެސް، މި ޑަޗް ޓީމުގައި ރަނގަޅު ކަންތައްތަކެއް އެބަހުއްޓެވެ. ޑިފެންސް ވަރުގަދަ ކަމަށް ފެންނައިރު، މިޑްފީލްޑަކީ ހަލުވި އަދި ފެންވަރު ރަނގަޅު މިޑްފީލްޑެކެވެ. އެންމެ ބޮޑު ސުވާލަކީ ލަނޑުތައް ޖަހާނީ ކޮން ކުޅުންތެރިންނެއްތޯއެވެ.
ޑޮންޔެލް މާލެން އެސްޓަން ވިލާއިން ރޯމާއަށް ބަދަލުވި ފަހުން ހުރީ ވަރަށް މޮޅު ފޯމެއްގައެވެ. ދެން ހުރީ ނެދަލޭންޑްސްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މެމްފިސް ޑިޕާއިއެވެ. އޭނާ މިހާރު ކުޅެމުންދަނީ ބްރެޒިލްގައެވެ. ކޯޑީ ގަކްޕޯއަކީ އަދިވެސް ލިވަޕޫލްގެ އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ. އަދި ކްރިސެންސިއޯ ސަމާވިލްއަކީ އޭނާގެ ދުވަހެއްގައި ކޮންމެ ޑިފެންސަކަށް ވެސް ނުރައްކާ ކުރެވިދާނެ ކުޅުންތެރިއެކެވެ.
ނަމަވެސް ވޯލްޑް ކަޕެއް ކާމިޔާބުކުރެވޭ ވަރަށް އެމީހުންނަށް ލަނޑު ޖެހިދާނެ ހެއްޔެވެ؟
ސްޕެއިނުން 2010ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ މުޅި މުބާރާތުގައި އެންމެ އަށް ލަނޑު ޖަހައިގެން އަދި ބައިކޮޅަށް އެންމެ ދެ ލަނޑު ވަދެގެންކަން ހަނދާންކުރުން މުހިންމެވެ. އެމީހުން ފައިނަލްގައި ނެދަލޭންޑްސް ބަލިކޮށް، ވަރުގަދަ ޑިފެންސަކާއި މިޑްފީލްޑް ކޮންޓްރޯލްގެ މައްޗަށް ބިނާވެފައިވާ ޓީމަކަށް މުބާރާތް ކާމިޔާބުކުރެވިދާނެކަން ސާބިތުކޮށްދިނެވެ.
ޑަޗް ޓީމަކީ އަބަދުވެސް ފުޓްބޯޅައިގައި ތައްޓާ ހަމައަށް ގޮސް ނާކާމިޔާބުވާ ޓީމެކެވެ. ޔޯހާން ކްރައިފްގެ ދުވަސްވަރުން ފެށިގެން 2010ގެ ފައިނަލްގެ ހިތްދަތިކަމާ ހަމައަށް، އެމީހުން ތަކުރާރުކޮށް ތައްޓާ ގާތްވި ނަމަވެސް ތަށީގައި އަތްލެވޭގޮތެއް ނުވިއެވެ. މިފަހަރު އެހެން ފޭވަރިޓުންނާ އަޅާބަލާއިރު އެމީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުވަތަ ހައިޕެއް ނެތެވެ. އަދި ފަހަރުގައި މިއީ އެމީހުންނަށް ފައިދާކުރާނެ ކަމަކަށް ވެދާނެއެވެ.
ޔަކީމް ކްލެމެންޓްގެ މި ލަފާކުރުން ރަނގަޅުވެއްޖެ ނަމަ، އެއީ ވަރަށް ތަފާތު ކަމަކަށް ވާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.