ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުރިމަގާ މެދު ގޮތެއް ނިންމާނީ ބަލިވި ސަބަބުތަކަށް ވިސްނުމަށް ފަހު: ކޫމަން

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕް 2026ގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުމުން، ކުރިމަގާ މެދު ގޮތެއް ނިންމާނީ ޓީމަށް ދިމާވި ކަންތައްތަކާ މެދު ފުންކޮށް ވިސްނުމަށްފަހު ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަހަމަވީ 1-1އިންނެވެ. ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި 3-2އިން ނެދަލެންޑްސް ބަލިވުމުން ކޫމަންގެ ޓެކްޓިކްސްއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. ޚާއްޞަކޮށް، ނެދަލެންޑްސްގެ އާންމު އެޓޭކިން ކުޅުމުގެ ބަދަލުގައި ފަސް ޑިފެންޑަރުން ބޭނުންކޮށްގެން ކުޅުވުމުން ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް، ކޫމަން ބުނީ އެ ނިންމުމާ މެދު އޭނާ ހިތާމަނުކުރާ ކަމަށެވެ.

ކޫމަން ބުނި ގޮތުގައި ޑިފެންސިވްކޮށް ކުޅުމުން އިދިކޮޅު ޓީމަށް ލިބުނު ފުރުސަތުތައް މަދުވުމަކީ ލިބުނު ކުރިއެރުމެކެވެ. ނަމަވެސް އޭގެ ސަބަބުން ނެދަލެންޑްސްގެ ހަމަލާތައް ވެސް މަދުވިކަން އޭނާ ގަބޫލުކުރެއެވެ. ސްވިޑަންއާއި ޓިއުނީޝިއާއަށްވުރެ ވަރުގަދަ މޮރޮކޯއާ ދެކޮޅަށް ކުޅުނުއިރު ފުރުސަތުތައް މަދުވި ނަމަވެސް، އަލުން ކުޅެން ޖެހުނަސް ބޭނުންކުރާނީ ހަމަ އެ ޓެކްޓިކްސް ކަމަށް އޭނާ ބުންޏެވެ. މޮރޮކޯއިން ފަހު ވަގުތު ލަނޑު ޖަހައި އެއްވަރު ނުކުރި ނަމަ އެންމެން ވެސް ތައުރީފު ކުރާނެ ކަމަށާއި، ފާޑުކިޔުންތައް އަމާޒުވީ ނަތީޖާ ނުކުތް ގޮތުން ކަމަށް ކޫމަން ފާހަގަކުރިއެވެ.

މި ޓެކްޓިކްސްއަށް ކުޅުވީ ކުޅުންތެރިންގެ ވެސް ރުހުމާ އެކު ކަމަށާއި، މިއީ ބިރުގަތުމުން ނިންމި ނިންމުމެއް ނޫން ކަމަށް ކޫމަން ބުންޏެވެ. އޭނާ ހަނދާންކޮށްދިނީ ދަނޑުމަތީގައި ތިން ފޯވާޑުން ތިބި ކަމެވެ. ނޫސްވެރިންގެ ފާޑުކިޔުންތަކަށް ރައްދުދެމުން ކޫމަން ބުނީ ނޫސްވެރިން ފުޓްބޯޅަ ބަލަނީ ދަނޑު ބޭރުގައި ތިބެގެން ކަމަށާއި، ނަމަވެސް އޭނާ ހުންނަނީ ޓީމާއެކު ކަމުން ރަނގަޅުކުރަންވީ ކަންކަން އެނގޭ ކަމަށެވެ. "މިއީ ބިރުގަތުމެއް ނޫން، އިދިކޮޅު ޓީމުގެ ކުޅުން ދިރާސާކުރުމަށް ފަހު ޑިފެންސް ވަރުގަދަކުރަން ނިންމި ނިންމުމެއް"ކޫމަން ބުންޏެވެ.

ނެދަލެންޑްސްގެ މައްޗަށް ހޯދި މި މޮޅާ އެކު މޮރޮކޯ ވަނީ މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފައެވެ. އެ ޓީމުން އަންނަ ހޮނިހިރު ދުވަހު ހިއުސްޓަންގައި ނުކުންނާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު