ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަހު ވަގުތު ޖަހައިދިން ލަނޑުން ޖަޕާނުން ނެދަލެންޑްސް ހިފަހައްޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ގްރޫޕް އެފްގައި ރޭ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗު، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ޖަޕާނުން ނެދަލެންޑްސްއާ 2-2އިން އެއްވަރުކޮށްފިއެވެ.

ދެ ފަހަރެއްގެ މަތިން ނެދަލެންޑްސްއިން ކުރިހޯދާފައި ވަނިކޮށް، ޖަޕާނުން ވަނީ ހިތްވަރުގަދަ ކުޅުމަކާ އެކު މެޗުގެ ނަތީޖާ ހަމަހަމަކޮށް، މުހިންމު ޕޮއިންޓެއް ހޯދާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ފުރަތަމަ ހާފުގައި ލީޑު ނެގުމަށް ނެދަލެންޑްސްއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް އެ ޓީމުގެ ފޯވާޑް ޑޮންޔެލް މާލެން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް، ޖަޕާނުގެ ގޯލްކީޕަރު ޒިއޯން ސުޒޫކީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރަޔާން ގްރަވެންބާކް ނެގި ހުރަހަކުން ނެދަލެންޑްސްއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޖަޕާނުގެ ކެއިޓޯ ނަކަމޫރާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްފައެވެ.

ނެދަލެންޑްސްއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 64ވަނަ މިނެޓުގައެވެ. ގްރަވެންބާކް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރައިސެންސިއޯ ސަމަރވިލްއެވެ. ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަޕާނުން ވަނީ އަނެއްކާ ވެސް ނަތީޖާ އެއްވަރުކޮށްފައެވެ. ކޯނަރަކުން ލިބުނު ބޯޅައެއް ކޯކީ އޮގާވާ ބޮލުން ޖެހުމުން، އެ ބޯޅަ ގޯލަށް ވަނީ ޑައީޗީ ކަމާޑާގެ ބޮލުގައި ޖެހިފައެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، މި ފަހަރުގެ ވޯލްޑް ކަޕުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފާނެ ކަމަށް ބެލެވޭ ޖަޕާނުން އަންނަނީ އެ ޓީމުގެ ވަރުގަދަކަން ސާބިތުކޮށްދެމުންނެވެ. ފީފާ ރޭންކިންގެ 18ވަނައިގައި އޮތް ޖަޕާނުން ވަނީ މިދިޔަ މާރިޗު މަހު ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް އަތުންވެސް މޮޅުވެ، އެ ޓީމުގެ ހުނަރުވެރިކަން ދައްކާލާފައެވެ.

މި ނަތީޖާއާ އެކު ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން އާއި އޭނާގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. މެޗުގައި ދެ ފަހަރެއްގެ މަތިން ކުރިހޯދައި، މޮޅުވާން ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފި، އެންމެ ފަހު ވަގުތު އެއްވަރުވުމުން އެ ޓީމަށް ޖެހުނީ އެއް ޕޮއިންޓުން ފުއްދާލާށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު