ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނޮކްއައުޓް ބުރުން ސަލާމަތްވެ މިސްރު ވެސް ތާރީޚްގެ ތެރެއަށް

ޝެއާ ކުރޭ Facebook Telegram Viber X

ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އީޖިޕްޓުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައި، ގަދަ 16ގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދައިފިއެވެ.

މުހައްމަދު ސަލާހް ހަމަޖެހިލައިގެން ފޮނުވާލި ޕެނެންކާ ކާމިޔާބުކުރިއިރު، ޑިފެންޑަރު ހުސާމް އަބްދުލްމަޖީދު ވަނީ މިސްރަށް މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދީފައެވެ. މިސްރުން ޕެނަލްޓީ ޝޫޓްއައުޓް 4-2އިން ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޑިފެންޑަރު ހެރީ ސޫޓާއާއި 18 އަހަރުގެ ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވުމުންނެވެ.

މެޗުގެ 13ވަނަ މިނެޓުގައި، މާ ބޮޑު ނުރައްކަލެއް ނުއުފެއްދި ނަމަވެސް، ޑެލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މިސްރުން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދިއެވެ. މިއީ 1934ވަނަ އަހަރުގެ ފަހުން އެޓީމުން ކުޅުނު ފުރަތަމަ ނޮކްއައުޓް މެޗެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކަރީމް ހާފިޒް ކަނާތްފަރާތުން ހުރަސްކޮށްދިން ބޯޅައެއް، މާކްނުކޮށް ހުރި އިމާމް އަޝޫރް ބޮލުން ފޮނުވާލައިގެން ޕެޓްރިކް ބީޗްގެ ބޯމަތިން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. މިއާ އެކު މިސްރުން މި މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ހަޔަކަށް އަރާފައިވާއިރު، މިއީ މީގެ ކުރިން އެޓީމުން ވާދަކުރި ތިން މުބާރާތް ކަމަށްވާ 1934، 1990 އަދި 2018 ވަނަ އަހަރުގެ މުބާރާތްތަކުގައި ޖުމްލަ ޖެހި ލަނޑަށް ވުރެ ގިނަ އަދަދެކެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި އޭރިއާ ބޭރުން ކްރިސްޓިއަން ވޮލްޕާޓޯ 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑީގައި ނުޖެހުނު ނަމަ، އޮސްޓްރޭލިއާއަށް މެޗުގެ ނަތީޖާ ބަދަލުކޮށްލެވުނީހެވެ.

މީގެ ކުރިން ކުޅުނު ވޯލްޑް ކަޕްގެ 15 މެޗެއްގައި ފުރަތަމަ ލަނޑު ވަނުމަށް ފަހު ހޯދިފައި ވަނީ އެންމެ މޮޅެއް ކަމަށްވުމުން، އޮސްޓްރޭލިއާއަށް މިއީ އަބަދުވެސް އުނދަގޫ މަސައްކަތަކަށް ވާނެއެވެ.

ނަތީޖާ ހަމަހަމަކުރުމަށް އެޓީމަށް ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް، ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ އަޒީޒް ބެހިޗްއަށް ލިބުމުންނެވެ.

ނަމަވެސް، ގައުމީ ޓީމަށް ކުޅުނު 87 މެޗުން އެންމެ ތިން ލަނޑު ޖަހާފައިވާ މެލްބަން ސިޓީގެ ޑިފެންޑަރަށް، މުސްތަފާ ޝޮބޭރުގެ ކުރިމަތީގައި ބޯޅަ ގޯލަށް ފޮނުވާލެވޭގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފެށިގެން 10 ސިކުންތު ނުވަނީސް، މިސްރުގެ ލީޑު ފުޅާކުރުމަށް މެންޗެސްޓަރ ސިޓީގެ ފޯވާޑް އުމަރު މާމޫޝްއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭނާ ހުސްކޮށް ބޯޅަ ހިފައިގެން ގޮސް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

އޭގެ 10 މިނެޓު ފަހުން އެ ފުރުސަތުގެ ބޭނުން ނުހިފުމުގެ ހިތާމަ ކުރަންޖެހުނެވެ. ވާތްފަރާތުން އައިޑަން އޯނީލް ހުރަސްކޮށްދިން ހިލޭ ޖެހުން، މިސްރުގެ ޑިފެންޑަރު މުހައްމަދު ހާނީގެ ފައިގައި ޖެހި ބައިކޮށްލައިގެން ބައިކޮޅަށް ވަނީ ޝޮބޭރު ނާކާމިޔާބުކޮށްލަމުންނެވެ. މިއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެއް މުބާރާތެއްގައި ބައިކޮޅަށް ދެ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ.

މިއީ މި މުބާރާތުގައި ބައިކޮޅަށް ވަން 13ވަނަ ލަނޑެވެ. މިއާއެކު 2018 ވަނަ އަހަރު ބައިކޮޅަށް ވަން 12 ލަނޑުގެ ރެކޯޑް ވަނީ މުގުރާލާފައެވެ.

މެޗުގެ ފަހުވަގުތު އޮސްޓްރޭލިއާ ސަލާމަތްވީ ކީޕަރު ބީޗް ދެއްކި މޮޅު ކުޅުމުންނެވެ. މެޗުގެ 94 ވަނަ މިނެޓުގައި ސަލާހް ހުރަސްކޮށްދިން ބޯޅައެއް ރާމީ ރާބިއާ ބޮލުން ފޮނުވާލި ނަމަވެސް، ކީޕަރު ބީޗް ވައިގެ ތެރޭގައި އެނބުރިލާފައި ވާތުން އެ ބޯޅަ ދިފާއުކުރިއެވެ.

އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު ވެސް ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މިސްރުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.

ޕެނަލްޓީއަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރޭލިއާއިން ވަނީ އިތުރު ވަގުތުގެ ފަހުކޮޅު ކީޕަރު ބީޗްގެ ބަދަލުގައި ތަޖުރިބާކާރު ކީޕަރު މެޓް ރަޔަން ކުޅެން އަރުވާފައެވެ.

ނަމަވެސް ބްރައިޓަންގެ ކުރީގެ ކީޕަރަށް އެންމެ ޕެނަލްޓީއެއް ވެސް ދިފާއެއް ނުކުރެވުނެވެ. މިސްރުގެ މަހްމޫދު ސާބިރު، ރާބިއާ، ސަލާހް އަދި އެންމެ ފަހުން އަބްދުލްމަޖީދު ފޮނުވާލި ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފައެވެ.

އޮސްޓްރޭލިއާގެ ފުރަތަމަ ޕެނަލްޓީ ސޫޓާ ފޮނުވާލީ ގޯލުގެ މަތިން ބޭރަށެވެ. އަދި ހެރިންގްޓަން ފޮނުވާލި ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، ޖެކްސަން އާވިންއާއި އަވާ މާބިލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު