ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެގާރައިގައި ސަލާޙް ހިމެނުމާ މެދު ގޮތެއް ނުނިންމަން: ހުސާމް

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ފީފާ ވޯލްޑް ކަޕް 2026ގެ ގަދަ 32ޓީމު ވާދަކުރާ ބުރުގައި މިރޭ ރާއްޖެގަޑިން 11ޖަހާއިރު އޮސްޓްރޭލިއާއާ ދެކޮޅަށް މިސްރު ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން، ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކެޕްޓަން މުޙައްމަދު ސަލާހަށް ޖާގަ ދިނުމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށް އެ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން ހާމަކޮށްފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ހުސާމް ބުނީ، އުމުރުން 34އަހަރުގެ ފޯވާޑް މެޗު ކުޅުމަށް ނުހަނު ބޮޑަށް ބޭނުންވި ނަމަވެސް، އޭނާގެ ފިޓްނަސް ސަތޭކަ އިންސައްތައިގައި ނެތް ނަމަ އެއްވެސް ރިސްކެއް ނުނަގާނެ ކަމަށެވެ. އަދި މި މެޗުގައި އޭނާ ކުޅޭނެ ކަމަށް އުންމީދުކުރި ނަމަވެސް، ފުރަތަމަ އެގާރައިގައި ހިމެނޭނެކަމުގެ ފުރިހަމަ ޔަޤީންކަން މި ވަގުތު ދެވެން ނެތްކަމަށް ކޯޗު ވަނީ ތަކުރާރުކޮށްފައެވެ.

ސަލާހަށް އަނިޔާވެފައި  ވަނީ މިދިޔަ ޖޫން މަހުގެ 27ވަނަ ދުވަހު އީރާނާ ދެކޮޅަށް ކުޅެ 1-1އިން އެއްވަރުވި ގްރޫޕް ސްޓޭޖުގެ މެޗުގައެވެ. އެ މެޗު ނިމެން ބައިގަޑިއިރަށް ވެފައި ވަނިކޮށް ބަދަލުކުރަން ޖެހުނު ސަލާހު، އަނިޔާއިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކާ އަލުން ގުޅިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މީގެ ކުރިން ނިއުޒީލެންޑް އަތުން 3-1އިން މިސްރު މޮޅުވި މެޗުގައި ސަލާހު ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑުވެސް ޖަހާފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ސަލާހާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ބޮޑު ނަސީބެއްކަމަށް ސިފަކުރަމުން ހުސާމް ބުނީ، ޓެކްޓިކަލް ގޮތުން ކޯޗު ބޭނުންވި އަމާޒަށް ވުރެ މާ ފުރިހަމައަށް ސަލާހު އޭނާގެ ދައުރު އަދާކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ޓޯނީ ޕޮޕޮވިޗްގެ އިރުޝާދުގެ ދަށުން ކުޅޭ އޮސްޓްރޭލިއާ ޓީމުގެ ފިޒިކަލް ވަރުގަދަކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ހުސާމް ބުނީ، އިސްކޮޅުން ދިގު ކުޅުންތެރިން ގިނަ އެފްރިކާގެ ޓީމުތަކާއި ނިއުޒީލެންޑް އަދި އީރާނާ ދެކޮޅަށް ކުޅެފައިވުމުން، މިއީ އެ ޓީމަށް އާ ކަމަކަށް ނުވާނެ ކަމަށެވެ. ފުޓްބޯޅައަކީ ރަގްބީ ނުވަތަ އެމެރިކަން ފުޓްބޯޅަ ފަދަ ކުޅިވަރެއް ނޫންކަން ފާހަގަކުރަމުން، އިސްކޮޅުން ކުރު ނަމަވެސް ޑިއެގޯ މަރަޑޯނާއާއި ލިއޮނަލް މެސީ ފަދަ ތަރިން ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަންކޮށްފައިވާކަން އޭނާ ވަނީ މިސާލެއްގެ ގޮތުން ދައްކާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު