ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖަރުމަނުގެ ކޯޗުކަމަށް ކްލޮޕް ގެންނަން މަސައްކަތް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖަރުމަނުވިލާތް ކެޓުމާ ގުޅިގެން ގައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން މަގާމުން އިސްތިއުފާ ދިނުމާ އެކު، އޭނާގެ ބަދަލުގައި މަޝްހޫރު ކޯޗު ޔާގަން ކްލޮޕް އެ މަގާމަށް ހަމަޖެއްސުމުގެ މަޝްވަރާތައް ޖަރުމަނުގެ ފުޓްބޯޅަ އިދާރާއިން ފަށައިފިއެވެ.

ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ބަލިވެ، މުބާރާތުން އަލްވަދާއު ކިޔަން ޖެހުމަކީ ނާގަލްސްމަންގެ މި ނިންމުމުގެ މައިގަނޑު ސަބަބެވެ. އުމުރުން 38އަހަރުގެ ކޯޗު ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، މިއީ އޭނާއަށް ނިންމަން ވަރަށް ދަތިވި ނިންމުމެކެވެ. ނަމަވެސް، ވިދިވިދިގެން ކުރިމަތިވި ނާކާމިޔާބީތަކަށް ފަހު، ޓީމަށް އައު މިސްރާބެއް ބޭނުންވާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. ސަޕޯޓަރުންނަށް އުފާވެރިކަން ހޯދައިނުދެވުނީތީ އޭނާ ވަނީ މާފަށް އެދިފައެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކުރި ގޮތުގައި ނާގަލްސްމަންގެ އިތުރުން އޭނާގެ އެސިސްޓެންޓުން ކަމަށްވާ ބެންޖަމިން ގްލަކް އަދި ބެންޖަމިން ހުބްނާ ވެސް ވަނީ މަގާމުން ވަކިވެފައެވެ. އެއާ އެކު، ގައުމީ ޓީމުގެ ހުސްވެފައިވާ ކޯޗުކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލޮޕްއާ އެކު ރަސްމީކޮށް ވާހަކަތައް ކުރިއަށްގެންދަން އެ އިދާރާއިން މިހާރު ވަނީ ނިންމާފައެވެ.

ފާއިތުވި ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓާފައިވާއިރު، މި ފަހަރުގެ މުބާރާތުގައި ޕެރަގުއޭ އަތުން ބަލިވީ 1-1އިން މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީންނެވެ. ކައި ހާވާޓްޒް، ނިކް ވޮލްޓަމޭޑް އަދި ޖޮނަތަން ޓާ ގެ ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިއީ ވޯލްޑް ކަޕެއްގެ ތާރީހުގައި ޕެނަލްޓީ ޝޫޓްއައުޓެއްގައި ޖަރުމަނު ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު އެންމެ ފަހުން ކުޅުނު 2024ގެ ޔޫރޯގެ ކުއާޓާ ފައިނަލުން ވެސް ސްޕެއިން އަތުން ބަލިވެ ވަނީ ކަޓާފައެވެ.

އައު ކޯޗަކަށް ގެންނަން އަމާޒު ހިފާފައިވާ ކްލޮޕް ހުރީ 2024ވަނަ އަހަރު ލިވަޕޫލް ދޫކޮށްލި ފަހުން ކޯޗިންއާ ދުރުގައެވެ. އޭނާ ވަނީ ލިވަޕޫލްގައި ހޭދަކުރި 9އަހަރުގެ ތެރޭގައި ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގު، ކްލަބް ވޯލްޑް ކަޕް އަދި އެފްއޭ ކަޕް ހިމެނޭހެން ގިނަ ކާމިޔާބީތަކެއް އެ ކްލަބަށް ހޯދައިދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު