ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕެރަގުއޭއިން ހޯދި ތާރީޚީ މޮޅާ އެކު އެ ޤައުމުގައި ބަންދު ދުވަހެއް!

ޝެއާ ކުރޭ Facebook Telegram Viber X

ޖަރުމަނު ބަލިކޮށް، 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16އިން ޕެރަގުއޭ ޖާގަ ހޯދުމާ ގުޅިގެން އެ ޤައުމުގެ ރައީސް ސެންޓިއާގޯ ޕެނާ ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

މިއީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނުގެ މައްޗަށް ޕެރަގުއޭއިން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީ ފާހަގަކުރުމަށް ނިންމި ނިންމުމެކެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ދެ ޓީމު 1-1އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕެރަގުއޭ ކުރިހޯދީ 4-3ގެ ނަތީޖާއަކުންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ފެނުނު އެންމެ ބޮޑު އެއް ސިހުމުގެ ގޮތުގައި ވަނީ ބެލެވިފައެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސް ޕެނާ ވަނީ ބަންދު ދުވަސް ކަނޑައަޅުއްވައި ސޮއިކުރެއްވި ރިޔާސީ ގަރާރުގެ ފޮޓޯއަކާ އެކު އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މިއަދު މުޅި ޤައުމު ދަނީ އުފާފާޅުކުރަމުން ކަމަށެވެ.

"މި ފާހަގަކުރަނީ އަހަރެމެންގެ އަސްލު އައިޑެންޓިޓީ ރަމްޒުކޮށްދޭ ޓީމެއްގެ ކާމިޔާބީ. އެއީ ދުވަހަކުވެސް އުއްމީދު ކަނޑާނުލައި، ހިތްވަރާއި ސާބިތުކަންމަތީ ދެމިތިބޭ ބައެއްގެ ވަރުގަދަ އަޒުމް" ރައީސް ޕެނާ ވިދާޅުވިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީހަމައެކަނި ކުޅިވަރުގެ މައިދާނުގައި ހޯދި ކާމިޔާބީއަކަށް ވުރެ މާ ފުން މާނައެއް އެކުލެވިގެންވާ، މުޅި ޤައުމު އެއްބައިވެގެން އުފާފާޅުކުރުން ހައްގުވާ ކަމެކެވެ. އަދި މިފަދަ މަތިވެރި ކާމިޔާބީއެއް ލިބުމުން ސަރުކާރަށް ހިމޭނުން ނޯވެވޭނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށް މި އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އެ ގަރާރުގައިވެއެވެ.

މި މުބާރާތުގައި ޖަރުމަނު އަތުން ހައިރާންކުރުވަނިވި މޮޅެއް ހޯދުމަށް ފަހު ޤައުމީ ބަންދު ދުވަހެއް އިއުލާންކުރި ދެކުނު އެމެރިކާގެ ދެވަނަ ޤައުމަކީ ޕެރަގުއޭއެވެ. މީގެކުރިން، ގްރޫޕް އީގައި ޖަރުމަނު އަތުން 2-1އިން މޮޅުވެ ނޮކްއައުޓް ބުރަށް ދަތުރުކުރުމާ ގުޅިގެން އެކުއަޑޯގެ ރައީސް ޑެނިއަލް ނޮބޯއާ ވެސް ވަނީ އެ ޤައުމުގައި ބަންދު ދުވަހެއް އިއުލާންކުރައްވާފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު