ވޯލްޑް ކަޕްގައި ޖަޕާނަށް ދެއްކި މޮޅު ކުޅުމާ އެކު، ކެއިޓޯ ނަކަމޫރާއަށް ޕްރިމިއާ ލީގުގެ ކްލަބްތައް ކަމަށްވާ ބޯންމައުތު، އެވަޓަން އަދި ފުލަމްގެ ޝައުގުވެރިކަން ލިބިއްޖެއެވެ.
އުމުރުން 26 އަހަރުގެ ވިންގަރ ކުޅެމުންދާ ފްރާންސްގެ ރެއިމްސްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެކަށީގެންވާ ފީއަކަށް އޭނާ ދޫކޮށްލަން އެ ކްލަބުން ވަނީ އެއްބަސްވެފައެވެ. މި ފީ އުޅެނީ ގާތްގަނޑަކަށް 21.5 މިލިއަން ޕައުންޑްގައެވެ. އެއީ މިދިޔަ ސީޒަނުގައި އެ ކްލަބަށް ލީގު 1އަށް ޕްރޮމޯޓް ނުވެވުމުންނެވެ.
އެވަޓަން އަދި ބޯންމައުތުން ވަނީ ނަކަމޫރާ ސޮއިކުރުމަށް ބޭނުންވާ ކަންކަން އޭނާގެ އޭޖެންޓުންގެ ފަރާތުން އޮޅުންފިލުވާފައެވެ. ނަމަވެސް، އޭނާ ގެންދިޔުމުގެ ކުރިން އެ ކްލަބްތަކުގެ ބައެއް ފޯވާޑުން ދޫކޮށްލަން ޖެހެއެވެ.
އާ ކޯޗަކަށް އަލްވާރޯ އަރްބެލޯއާ ހަމަޖައްސާނެ ކަމަށް ބެލެވޭ ފުލަމްއިން ވެސް ދަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ސްޕެއިންގެ ވިޔަރެއާލް އަދި ތުރުކީގެ ބެސިކްޓާސް ފަދަ ކްލަބްތަކުން 15.5 މިލިއަން ޕައުންޑާ ހަމައަށް ހުށަހެޅުންތައް ލިބުނު ނަމަވެސް، ނަކަމޫރާ މިދިޔަ ސީޒަން ހޭދަކުރީ ފްރާންސްގެ ދެވަނަ ޑިވިޝަނުގައެވެ.
ތަފާތު މަގާމުތަކަށް ކުޅެވޭ މި ފޯވާޑް ވަނީ 14 ލަނޑާ އެކު ރެއިމްސްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. އަދި ބްރައިޓަންގެ ކައޯރޫ މިޓޯމާއަށް ލިބުނު ހޭމްސްޓްރިންގް އަނިޔާއަކާ ގުޅިގެން، ވޯލްޑް ކަޕްގައި ޖަޕާނުގެ ފުރަތަމަ އެގާރައިގެ ވާތްފަރާތު ވިންގަރެއްގެ ގޮތުގައި އޭނާ ވަނީ މަގާމު ދަމަހައްޓާފައެވެ.
ނަކަމޫރާ ވަނީ އެއް ލަނޑު ޖަހައި، އެސިސްޓެއް ކޮށްދީ، އޮޕްޓާގެ ގްރޫޕް ސްޓޭޖުގެ އެންމެ މޮޅު ޓީމުގައި ހިމެނިފައެވެ. ގަދަ 32ގެ މެޗުގައި ޖަޕާނުން ބްރެޒިލް ހާސްކޮށްލި ނަމަވެސް، ފަސް ފަހަރުގެ ޗެމްޕިއަނުން ފަހު ވަގުތު ޖެހި ލަނޑާއެކު ސަމުރާއީ ބްލޫސް ވަނީ މުބާރާތުން ކަޓާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.