ޗެލްސީގެ ޝައުގުވެރިކަން އޮތް ނަމަވެސް، ސަންޑަލޭންޑްގެ ކެޕްޓަން ގްރޭނިޓް ޒާކާ މި އަންނަ ސީޒަނުގައި އެ ކްލަބުގައި މަޑުކުރަން ނިންމައިފިއެވެ.
ބަޔާ ލެވަކޫސަންގައި ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅުމަށް ފަހު، 2028ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ސުވިޒަލޭންޑްގެ މިޑްފީލްޑަރު ޝައުގުވެރިވީ ޗެލްސީގެ ކޯޗު އަލޮންސޯއާ އަލުން ގުޅުމަށެވެ.
ޒާކާ ހޯދުމަށް ޗެލްސީން ހުށަހެޅި 8 މިލިއަން ޕައުންޑްގެ ބިޑް ސަންޑަލޭންޑުން މިދިޔަ ހަފުތާގައި ބޭރުކޮށްލާފައިވާއިރު، ބްލޫސްއިން އިތުރު ރަނގަޅު ހުށަހެޅުމަކާ އެކު އެނބުރި އަންނާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް، ސަންޑަލޭންޑްގެ މަސްދަރުތަކުން ބީބީސީ ސްޕޯޓްސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ވިއްކާލާކަށް ނެތެވެ. އަދި މަޝްވަރާތަކަށް ފަހު، ޒާކާ ވަނީ ބްލެކް ކެޓްސްއަށް އޭނާގެ ވަފާތެރިކަން އަލުން ކަށަވަރުކޮށްދީފައެވެ.
ޗެލްސީން އަދިވެސް ޒާކާ ހޯދުމުގެ އުންމީދު ދޫކޮށްނުލާއިރު، އެ ކްލަބުގެ މަސްދަރުތަކުން ބުނާ ގޮތުގައި އާސެނަލްގެ ކުރީގެ މިޑްފީލްޑަރު ހުރީ ސްޓެމްފޯޑް ބްރިޖަށް ބަދަލުވާން ބޭނުންވެފައެވެ.
އެހެން ނަމަވެސް، ބްލޫސްއިން އެ ކުޅުންތެރިޔާއަށް އިތުރު ބިޑެއް ހުށަހަޅާނެތޯ އަދި އޮތީ ބަލަންޖެހިފައެވެ.
ބަޔާ ލެވަކޫސަންއިން ބަދަލުވުމަށް ފަހު، ޒާކާ ވަނީ މިދިޔަ ސީޒަނުގައި 53 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސަންޑަލޭންޑް ޔޫރަޕަށް ކޮލިފައިކޮށްދިނުމަށް އެހީތެރިވެދީފައެވެ.
ބްލެކް ކެޓްސްއިން ލީގުގެ ހަތްވަނަ ހޯދައި ކޮންފަރެންސް ލީގަށް ކޮލިފައިވިއިރު، އޭނާ ވަނީ ޕްރިމިއާ ލީގުގައި 34 މެޗު ކުޅެފައެވެ.
ސުވިޒަލޭންޑްގެ ކެޕްޓަން ވަނީ އާސެނަލްގައި ހަތް އަހަރު ހޭދަކޮށް، 297 މެޗު ކުޅުމަށް ފަހު 2023 ވަނަ އަހަރު ލެވަކޫސަންއާ ގުޅިފައެވެ. އެތަނުގައި އޭނާ ވަނީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޖަރުމަނު ކްލަބަށް ފުރަތަމަ ފަހަރަށް ބުންޑެސްލީގާ ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދީފައެވެ.
ޒާކާ މިވަގުތު ހުރީ ސުވިޒަލޭންޑާ އެކު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގައެވެ. އޭނާ ވަނީ ގަދަ 16އާ ހަމައަށް އޭނާގެ ގައުމުން ކުރި ދަތުރުގައި ކޮންމެ މެޗެއްގައި ވެސް ކުޅެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.