އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު ކްލަބް ޗެލްސީގެ ޗެއާމަން ޓޮޑް ބޯލީއާއި މާކް ވޯލްޓަރގެ އަތުގައި އޮތް 25އިންސައްތަ ހިއްސާ ގާތްގަނޑަކަށް 950މިލިއަން ޕައުންޑަށް ގަނެ، ކްލިއަރލޭކް ކެޕިޓަލް ގްރޫޕުން އެ ކްލަބުގެ ފުރިހަމަ ކޮންޓްރޯލް ނަގައިފިއެވެ.
މި ބޮޑު މުއާމަލާތާއެކު، އެމެރިކާގެ މަހުޖަނު ބޯލީ ލަންޑަނުގެ ކްލަބުގެ އެންމެ އިސް މަގާމުން ވަކިވާނެކަން ވަނީ ޔަގީންވެފައެވެ. ބެހްދާދު އިގްބާލީ އަދި ހޯސޭ އީ. ފެލިސިއާނޯ އިސްވެ ތިއްބަވައިގެން ހިންގަވާ ކްލިއަރލޭކް ކުންފުނިން މި ހިއްސާތައް އަމިއްލަކުރީ ސުވިޒަލެންޑުގެ މަހުޖަނު ހަންސްޖޯގް ވީސްގެ ވެސް ބައިވެރިވުމާއެކުގައެވެ.
މި ބަދަލާ ގުޅިގެން ޗެލްސީން އާންމުކުރި ރަސްމީ ބަޔާނެއްގައި ހާމަކޮށްފައި ވަނީ، ކްލަބުގެ އާންމު ހިންގުމަށާއި އިސްވާރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކްލިއަރލޭކްގެ މައިގަނޑު ބޭނުމަކީ ކުރިން ވެސް ރާވާފައިވާ ސްޓްރެޓެޖީއާ އެއްގޮތަށް ކުރިއަށްގޮސް، ހުރިހާ ފަރާތްތަކެއް ގުޅިގެން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޗެއާމަންކަމުން ވަކިވެވަޑައިގަންނަވާ ބޯލީ ވިދާޅުވީ، ޗެލްސީ ފަދަ ކްލަބެއްގެ އެންމެ އިސް މަގާމު ފުރުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، ކްލިއަރލޭކްގެ އިސްނެގުމުގެ ދަށުން ކްލަބަށް އުޖާލާ މުސްތަގުބަލެއް އޮތްކަމާ މެދު ޝައްކުނުކުރައްވާ ކަމަށެވެ. ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗްގެ އަތުން 4.25ބިލިއަން ޕައުންޑަށް 2022ވަނަ އަހަރު ޗެލްސީ ގަތީ ބޯލީ، ވޯލްޓަރ، ވީސް އަދި ކްލިއަރލޭކް ގުޅިގެންނެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.