އެމެރިކާގެ ގައުމީ ފުޓުބޯޅަ ޓީމުގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނާ ގޮތުގައި، ޗެލްސީން މާލީ ގަވާއިދުތަކާ ޚިލާފުވެފައިވާކަން ސާބިތުވެފައިވާތީ، 2016/17ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން އެ ކުލަބުގެ އަތުން ނެގުމަށް ފަހު، އެ ސީޒަނުގެ ދެވަނަ ހޯދި ޓޮޓްނަމް ހޮޓްސްޕަރއަށް އެ ތަށި ދޭންޖެހޭނެއެވެ.
މީގެ ކުރިން ޓޮޓްނަމް އަދި ޗެލްސީއަށް ވެސް އިރުޝާދުދިން އާޖެންޓީނާގެ ކޯޗު މިފަދައިން ބުނެފައި ވަނީ، 2011އިން ފެށިގެން 2018އާ ދެމެދު ޗެލްސީން ސިއްރު ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފަޅާއެރުމާ ގުޅިގެންނެވެ. އަމިއްލައަށް އެ މައްސަލަތައް 2022ވަނަ އަހަރު ޗެލްސީން ރިޕޯޓުކުރުމާ ގުޅިގެން، ޕްރިމިއަރ ލީގުން ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި 10.75މިލިއަން ޕައުންޑުގެ ބޮޑު އަދަދަކުން އެ ކުލަބު ޖޫރިމަނާކޮށްފައެވެ. މި މުއާމަލާތްތަކުގެ ތެރޭގައި ރަޖިސްޓަރީނުކުރާ އެޖެންޓުންނަށް ފައިސާ ދިނުން ހިމެނެއެވެ.
އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގެ ދަށުން ޗެލްސީން އެ ފަހަރުގެ ލީގު ކާމިޔާބުކުރީ 93ޕޮއިންޓް ހޯދައިގެންނެވެ. އެހެން ނަމަވެސް ޕޮޗެޓީނޯގެ ބެލުމުގެ ދަށުން ކުޅުނު ޓޮޓްނަމުން ވަނީ އެ ކުލަބުގެ ތާރީޚުގައި ވެސް އެންމެ ގިނަ ޕޮއިންޓް ކަމަށްވާ 86ޕޮއިންޓް ހޯދައިގެން ލީގުގެ ދެވަނަ މަގާމު ހާސިލުކޮށްފައެވެ. ޗެލްސީއަށް އެ ތަށި ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެޑެން ހަޒާޑަކީ ވެސް، ގަވާއިދާ ޚިލާފަށް އެޖެންޓުންނަށް ފައިސާ ދީގެން ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.
ޕޮޗެޓީނޯ ފާހަގަކުރި ގޮތުގައި، ޗެލްސީން މާލީ ގަވާއިދުތަކާ ޚިލާފުވެފައިވާކަމަށް އިއުތިރާފުވެފައިވާތީ، އެ ސީޒަނުގައި ވާދަވެރިކަން އޮތީ ހަމަހަމަ އުސޫލެއްގެ މަތިންނެއް ނޫނެވެ. އޭނާ ބުނީ ޓޮޓްނަމުން ވެސް ގަވާއިދާ ޚިލާފުވިނަމަ އޭނާ ބުނާނީ ހަމަ މިހެން ކަމަށާއި، މި ވާހަކަތަކުގެ ސަބަބުން ޗެލްސީގެ ސަޕޯޓަރުން ހިތްހަމަނުޖެހުނު ކަމުގައިވިޔަސް ހަގީގަތް ހާމަކުރަން ޖެހިލުންނުވާ ކަމަށެވެ. އަދި އޭގެ މާނައަކީ ޗެލްސީގެ ކުޅުން ގޯސްވުމެއް ނޫންކަމަށް ވެސް އޭނާ ސާފުކޮށްދިނެވެ.
ޕްރިމިއަރ ލީގުން ޗެލްސީއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ބޮޑު ޖޫރިމަނާއެއްގެ އިތުރުން، ކުޅުންތެރިން ގަތުން ވަކި މުއްދަތަކަށް މަނާކުރުން ހިމެނެއެވެ. ޗެލްސީން ވަނީ މި އަދަބުތަކަށް ބޯލަނބައި، ތަހުގީގަށް ހިނގި ހުރިހާ ޚަރަދެއް ދޭން ވެސް އެއްބަސްވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.