ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖޫނިއަރ ވޯލްޑަކްޕް ސެމީއަށް އިޓަލީއާއި ސްޕޭން

ޝެއާ ކުރޭ Facebook Telegram Viber X

ޕޯލަންޑްގައި މިހާރު ކުޅެމުންދާ ފީފާ 20އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ވާދަވެރި ކުޅުމަކަށް ފަހު ކުރި ހޯދައި، ސްޕެއިން އާއި އިޓަލީވިލާތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަމަށްވާ ސްޕެއިނުން ސެމީގެ ޖާގައެއް ޔަގީންކުރީ ކުއާޓަރ ފައިނަލްގައި ބްރެޒިލްގެ މައްޗަށް 1-0ގެ ހަނި ތަފާތަކުން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސްޕެއިނަށް ކުރި ލިބުނީ 27ވަނަ މިނެޓުގައި ޕައު ކޮމެންޑާޑޯސް ފޮނުވާލި ހަމަލާއެއް ބްރެޒިލްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުންނެވެ. ނަތީޖާ އެއްވަރުކުރުމަށް ބްރެޒިލްއިން ގިނަ މަސައްކަތްތަކެއް ކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، ސްޕެއިންގެ ގޯލްކީޕަރު ލައިއާ ލޯޕޭޒް ވަނީ އެ ހަމަލާތައް ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.

އަނެއްކޮޅުން އިޓަލީވިލާތުން ސެމީގެ ޖާގަ ހޯދީ ކުއާޓަރ ފައިނަލްގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅެ 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ 16ވަނަ މިނެޓުގައި ކަރެން އަޕިއާގެ ލަނޑުން އިޓަލީން ލީޑު ނަގާފައި ވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ހިލޭ ޖެހުމަކުން ދެކުނު ކޮރެއާގެ ލީ ހައެއުން ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިގެން 48ވަނަ މިނެޓުގައި އަޕިއާ ވަނީ އިތުރު ލަނޑެއް ޖަހައި އަލުން އިޓަލީއަށް ކުރި ހޯދައިދީފައެވެ. އަދި އޭގެ ފަހުން 63ވަނަ މިނެޓުގައި ޕައުލޯ ފާޑާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ޔަގީންކޮށްދީފައެވެ.

ފައިނަލްގެ ޖާގައެއް ހޯދުމަށް ޓަކައި ސެމީ ފައިނަލްގައި ސްޕެއިންއާއި އިޓަލީވިލާތް ކުރިމަތިލާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު