ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެކްސިކޯގައި އުފާ ފާޅުކުރުމުގެ ތެރޭގައި ހަތަރު މީހުން މަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ގަދަ 16އިން މެކްސިކޯ ޖާގަ ހޯދުމާ ގުޅިގެން، އެ ގައުމުގެ ވެރިރަށް މެކްސިކޯ ސިޓީގައި ބޭއްވި ބޮޑު އުފާފާޅުކުރުންތަކުގެ ތެރޭގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުދަ ދުވަހު ބުނެފިއެވެ.

 މެކްސިކޯއިން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ އިކުއެޑޯ އަތުން މޮޅުވެގެންނެވެ.

އަންގާރަ ދުވަހުގެ ރޭ އެތައް ހާސް ބަޔަކު އެއްވި މަޝްހޫރު "އޭންޖެލް އޮފް އިންޑިޕެންޑެންސް" ބިނާ ކައިރީ މަގުމަތިން މަރުވެފައި ތިއްބާ ދެ އަންހެނުންނާއި ފިރިހެނަކު ފެނިފައިވާ ކަމަށް މެކްސިކޯ ސިޓީގެ ހެލްތު ސެކްރެޓޭރިއަޓުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުނެފައިވެއެވެ. ނޭވާ ހާސްވެގެން މަރުވި ކަމަށް އިދާރާތަކުން ބުނާ މި މީހުންގެ އުމުރަކީ 48، 44 އަދި 19 އަހަރެވެ. މި މަރުތަކާ ގުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި މެކްސިކޯ ސިޓީގެ ހެލްތު ސެކްރެޓަރީ ނަދީން ގޭސްމަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ފިޓްޖެހި، ހަށިގަނޑަށް ލޮޅުންއަރައި، އަދި ގޮހޮރުން ލޭއައުމުގެ ސަބަބުން އިމަޖެންސީ މުވައްޒަފުން ފަރުވާދިން އުމުރުން 30 އަހަރުގެ އެހެން ފިރިހެނަކު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހާޓް އެޓޭކެއް ޖެހިގެންނެވެ.

މެކްސިކޯ ސިޓީގެ މޭޔަރު ކްލާރާ ބްރުގާޑާ ސޯޝަލް މީޑިއާގައި ވިދާޅުވީ، ހޭނެތިފައި ތިބި ތިން މީހެއްގެ ރިޕޯޓް ލިބުމާއެކު އިމަޖެންސީ ޓީމުތަކުން ވަގުތުން ހަރަކާތްތެރިވި ނަމަވެސް، އެ މީހުން އޭރުވެސް މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ބްރުގާޑާ ވަނީ "ޒިންމާދާރުކަމާއެކު، ރައްކާތެރިކަމާއެކު އަދި އެކަކު އަނެކަކަށް އަޅާލައިގެން" އުފާފާޅުކުރުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ރޭ، އާންމުކޮށް "އެލް އޭންޖެލް"ގެ ނަމުން މަޝްހޫރުވެފައިވާ މިނިވަންކަމުގެ ބިނާގެ ވަށައިގެންވާ އުޑުމަތި ހަވާގެ ކުޅިވަރުތަކުން ދިއްލާލިއިރު، އެތައް ހާސް މެކްސިކޯ ރައްޔިތުންނެއް ވަނީ ވެރިރަށުގެ މައި މައިދާން ކަމަށްވާ "ޒޮކާލޯ" އާއި "ޗަޕުލްޓެޕެކް ޕާކް" ގުޅުވައިދޭ 5 ކިލޯމީޓަރު (3 މޭލު) ގެ "ޕަސެއޯ ޑެ ލާ ރެފޯމާ" މަގުގައި އުފާފާޅުކޮށްފައެވެ.

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބްރުގާޑާ ވިދާޅުވީ މަގުމަތީގައި ގާތްގަނޑަކަށް 1.4 މިލިއަން މީހުން އުފާފާޅުކުރަމުންދާ ކަމަށާއި، ތޮއްޖެހުން ކުޑަކުރުމަށް ޓަކައި ސިޓީގެ މެދުތެރެއަށް ދިއުން ހުއްޓާލުމަށް އާންމުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި ސިޓީގެ އިރުމަތީ ފަރާތުގައި އޮތް މަގުބޫލު ކުމްބިއާ ބޭންޑެއްގެ ކޮންސެޓަށް ދިއުމަށް އޭނާ ހިތްވަރު ދެއްވިއެވެ.

އަންގާރަ ދުވަހުގެ ރޭ މުޅި މެކްސިކޯ ސިޓީ އޮތީ މީހުންނާއިގެން ފުރި ބާރުވެފައެވެ. މަގުމަތީގެ އެކި ކަންކޮޅުތަކުގައި މިއުޒިކް ގްރޫޕްތަކުން ހަރަކާތްތެރިވަމުން ދިޔައިރު، "ޓޮރިޓޯސް"ގެ ނަމުން ނަންދެވިފައިވާ ހަވާ އަރުވާ ސާމާނު ބަރުކޮށްފައިވާ ގާޑިޔާތައް މަގުތަކުން ދަތުރުކުރަމުން ދިޔައީ މީހުން ގިނަކަމުން ފިޔަވަޅެއް ވެސް އަޅަން ދަތިވާ ހާލަތުގައެވެ.

ޒުވާނުންގެ މެދުގައި ބޯތަކެތީގެ ފުޅިތައް ބަދަލުކުރަމުން ދިޔައިރު، އެތައް ސަތޭކަ ބަޔަކު ދިޔައީ ސިޓީގެ މެދުތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ކާމިޔާބުވީ ނަމަވެސް، ގިނަ ބަޔަކަށް ޖެހުނީ މީހުންގަނޑުގެ ބާރުބޮޑުކަމުން އެނބުރި ދާށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު