ވޯލްޑް ކަޕްގެ ގަދަ 32ގައި ރޭ ކުޅުނު ފޯރިގަދަ މެޗެއްގައި ދެ ލަނޑު ފަހަތުގައި އޮއްވައި، ބެލްޖިއަމްއިން ފަހަތުން އަރައި ސެނެގާލް ބަލިކޮށްފިއެވެ.
އިތުރު ވަގުތުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުން ޔޫރީ ޓީލެމަންސް ވަނީ ބެލްޖިއަމް ގަދަ 16އަށް ގެންގޮސްދީފައެވެ. 16ގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ޔުނައިޓެޑް ސްޓޭޓްސް ނުވަތަ ބޮސްނިއާ-ހެރްޒެގޮވީނާއާއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ހަތަރު މިނެޓަށް ވެފައި ވަނިކޮށް، މޮޅު ކުޅުމެއް ދައްކަމުންދިޔަ ސެނެގާލް އަތުން ދެ ލަނޑުން ބަލިވަމުންދިޔަ ރޫޑީ ގާސިއާގެ ޓީމު މުބާރާތުން ކަޓާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް، ދެވަނަ ހާފުގައި ކުޅެން އެރި ރޮމެލޫ ލުކާކޫ، ތޯމަސް މިއުނިއޭ ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ބެލްޖިއަމްއަށް އުއްމީދެއް ހޯދައިދިނެވެ.
އަދި ލިބުނު މި ފުރުސަތުގެ ބޭނުން ހިފައި، މެޗުގެ 89 ވަނަ މިނެޓުގައި ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަސް ސެނެގާލްގެ ގޯލްކީޕަރު މޯރީ ޑިއާއޯއަށް ދިފާއު ނުކުރެވުމުން، ކެޕްޓަން ޓީލެމަންސް ބޮލުން ގޯލަށް ފޮނުވާލައި ނަތީޖާ 2-2އަށް އެއްވަރުކޮށް، މެޗު އިތުރު ވަގުތަށް ގެންދިޔައެވެ.
މީގެ ކުރިން، ދެވަނަ ހާފުގެ ވޯޓަރ ބްރޭކްގެ ކުރިން ބެލްޖިއަމްގެ ދެ ކުޅުންތެރިންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރި މަންޒަރު ފެނުނުއިރު، އެ ދެމެދުގައި މައްސަލަ ހައްލުކުރަން އުޅުނީ ލުކާކޫއެވެ.
ހަބީބް ދިއާރާއާއި އިސްމާއިލާ ސާރް ޖެހި ލަނޑުތަކުން 2-0ގެ ލީޑެއް ނަގައިގެން އޮތް ސެނެގާލް ސިއްސުވާލީ ބެލްޖިއަމްގެ މި ހައިރާންކުރުވަނިވި އެނބުރިއައުމުންނެވެ.
އަދި ފުރިހަމަ ވަގުތުގައި ސަލާމަތްވި ބެލްޖިއަމްއިން މެޗުން މޮޅުވި ލަނޑު ޖެހީ 125 ވަނަ މިނެޓުގައި ލިބުނު ބަހުސް ބޮޑު ޕެނަލްޓީއަކުންނެވެ.
ޑޯޑީ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ދިޔަ ނަމަވެސް، އޭގެ ކުރިން ލަމީން ކަމާރާ ޓީލެމަންސްއަށް ކުރި ފައުލަކާ ގުޅިގެން، ވީއޭއާރް ބެލުމަށް ފަހު ބެލްޖިއަމްއަށް ޕެނަލްޓީއެއް ދިނެވެ. މި ވީއޭއާރް ރިވިއުއަށް ހަތް މިނެޓު ހޭދަވިއެވެ.
އެސްޓަން ވިލާގެ މިޑްފީލްޑަރު ޓީލެމަންސް ޕެނަލްޓީ ކާމިޔާބުކޮށް، ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ނަތީޖާ ކަށަވަރުކޮށްދިނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.