ވޯލްޑް ކަޕް މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ބެލްޖިއަމްގެ ގައުމީ ޓީމު ގެންގޮސްދިނުމަށް ފަހު، އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން ފްރާންސްގެ ތަޖުރިބާކާރު ކޯޗު ރޫޑި ގާސިއާ އެ މަގާމުން ވަކިވެއްޖެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބެލްޖިއަމްއާ ހަވާލުވި އުމުރުން 62އަހަރުގެ ގާސިއާގެ ކޮންޓްރެކްޓް އެކުލަވާލާފައި އޮތީ ދާދިފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގެ ނިޔަލަށެވެ. މަގާމުން ވަކިވުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން އޭނާ ވަނީ، ބެލްޖިއަމްގެ ޓީމަށް ކުރިމަގުގައި ފާގަތިކަމާއި ކާމިޔާބީއަށް އެދޭކަން ހާމަކޮށްފައެވެ.
މީގެ އިތުރުން، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ހުނަރުވެރި ކުޅުންތެރިންނަށާއި، ޓީމުގެ ސްޕޯޓްސް ޑައިރެކްޓަރު ވިންސެންޓްގެ އިތުރުން ވޯލްޑް ކަޕްގައި ޓީމަށް ހިތްވަރުދިން އެންމެހާ ސަޕޯޓަރުންނަށް ގާސިއާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ބެލްޖިއަމްގެ ނަތީޖާތަކަށް ބަލާއިރު، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެޓީމު ކެޓީ މުބާރާތުގެ ތަށި އުފުލާލި ސްޕެއިން އަތުން ބަލިވުމުންނެވެ. ގްރޫޕް ސްޓޭޖުގައި އެޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، އީރާނާއި މިސްރާ ދެކޮޅަށް ކުޅުނު މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ. ނަމަވެސް ނިއުޒީލޭންޑްގެ މައްޗަށް 5-1އިން ކުރިހޯދައިގެން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، ގަދަ 32 ޓީމު ވާދަކުރި ބުރުގައި އެޓީމުން ވަނީ ސެނެގާލް ބަލިކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބެލްޖިއަމްއަކީ ގާސިއާގެ ކޯޗިން ކެރިއަރުގައި އިރުޝާދުދިން ފުރަތަމަ ގައުމީ ޓީމެވެ. މީގެ ކުރިން އޭނާ ވަނީ ޔޫރަޕާއި އޭޝިއާގެ މަޝްހޫރު ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދީފައެވެ. އޭގެ ތެރޭގައި އިޓަލީގެ އޭއެސް ރޯމާ އާއި ނާޕޮލީ، ފްރާންސްގެ ލިޔޯން އާއި ލިލް، އަދި ސައުދީ އަރަބިއްޔާގެ އައްނަސްރު ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.