ކުރިއަށްދާ ވޯލްޑްކަޕާ ގުޅިގެން މަރަޑޯނާ ދައްކާފައިވާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެ ސަމާލުކަމެއް ލިބިއްޖެއެވެ.
ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ޑިއޭގޯ މެރެޑޯނާ މަރުވީ ނޮވެންބަރ 2020ގައެވެ. އަދި މި އަހަރުގެ ވޯލްޑްކަޕް ، ކެނެޑާ، މެކްސިކޯ އާއި ޔޫއެސްގައި ކުޅެން ނިންމީ 2020ގައެވެ.
މި ނިންމުމާ އެކު މަރަޑޯނާ ވަނީ އުތުރު އެމެރިކާގެ ކުޅިވަރު ކުރިއަށް ގެންދާ މޮޑެލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 1986ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެރެޑޯނާ ގަބޫލުކުރި ގޮތުގައި، ޓީވީ ބްރޯޑްކާސްޓަރުންނާއި ވިޔަފާރީގެ ފައިދާއަށް ޓަކައި ފުޓްބޯޅައިގެ ސަގާފީ ފޯމެޓަށް ބަދަލުތަކެއް ގެންނާނެއެވެ.
"އެމީހުން އިޝްތިހާރުތައް ހިމެނުމަށްޓަކައި މެޗު ދެބައިގެ ބަދަލުގައި ހަތަރު ބަޔަށް ބަހާލާނެ. އަޅާކިޔާލާ، އޭރުން ފެންނާނެ."އާޖެންޓީނާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން މަރަޑޯނާ ބުންޏެވެ:
އޭނާގެ އެ އިޝާރާތް އަކުރުން އަކުރަށް ހަގީގަތަކަށް ނުވި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެން ބޯން ރަސްމީކޮށް މެޗު މެދުކަނޑާލާ ވަގުތުތައް ގިނަވުމުގެ ސަބަބުން އޭނާގެ ވާހަކަތައް ގިނަ ބަޔަކު ދަނީ ހިއްސާކުރަމުންނެވެ.
އެމެރިކާގައި ކުޅުނު ބައެއް މެޗުތައް، އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކުޅުންތެރިންނާއި، ރެފްރީން އަދި މެޗު އޮފިޝަލުން ރައްކާތެރިކުރުމަށް ފީފާއިން ކަނޑައަޅާފައިވާ ކޫލިންގ ބްރޭކްތަކުގެ ސަބަބުން ވަނީ މެދުކަނޑާލަން ޖެހިފައެވެ. މި މެދުކަނޑާލުންތަކަކީ މައިގަނޑު ގޮތެއްގައި ކުޅުންތެރިންގެ ސަލާމަތަށް ކުރާ ކަމެއް ނަމަވެސް، މީގެ ސަބަބުން ބްރޯޑްކާސްޓް ކުރާ ވަގުތު ދިގުވެ، އިޝްތިހާރު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދެއެވެ. މިއީ މީގެ އަހަރުތަކެއް ކުރިން މަރަޑޯނާ އިންޒާރު ދީފައިވާ ކަމެކެވެ.
އޭސީ ކޮށްފައިވާ އިންޑޯ ސްޓޭޑިއަމްތަކާއި ފިނިހޫނުމިން މެދުމިންވަރެއްގައި ހުރި ދަނޑުތަކުގައި ވެސް ފެން ބޯން މެޗު މެދުކަނޑާލާތީ މި ބަހުސް ވަނީ އިތުރަށް ހޫނުވެފައެވެ. މީގެ ސަބަބުން ބައެއް ސަޕޯޓަރުން ދަނީ މިއީ ހަމައެކަނި ކުޅުންތެރިންގެ ރައްކާތެރިކަމަށް ކުރާ ކަމެއްތޯ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ ފީފާއިން ހަމައެކަނި އަމަލުކުރަމުންދަނީ މެޑިކަލް ޕްރޮޓޮކޯލްތަކަށް ކަމަށެވެ.
އެމެރިކާއަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދިނުމާ ދެކޮޅަށް ވެސް މަރަޑޯނާ ވަނީ ވަރަށް ބޮޑަށް ވާހަކަ ދައްކާފައެވެ. އޭނާ ބުނި ގޮތުގައި އެ ގައުމުގައި ފުޓްބޯޅައިގެ ސަގާފަތެއް ނެތް ކަމަށާއި، ފުޓްބޯޅަ ކުޅުމަށްވުރެ ވިޔަފާރީގެ ފައިދާއަށް އިސްކަންދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އެމީހުންގެ ފުޓްބޯޅައަށް އެއްވެސް ޝައުގުވެރިކަމެއް ނެތް،" އޭނާ ބުންޏެވެ.
"ކެނެޑާ މީހުންނަކީ މޮޅު ސްކީ ކުރާ މީހުންނަށް ވެދާނެ، އަދި އެމެރިކާ މީހުން ބޭނުންވީ އިޝްތިހާރު ކުރުމުގެ ބޭނުމުގައި މެޗު 25 މިނެޓުގެ ހަތަރު ބަޔަށް ބަހާލަން."
ސަޕޯޓަރުން އޭނާއާ އެއްބަސްވިޔަސް ނުވިޔަސް، ފެން ބޯން މެޗު މެދުކަނޑާލާ ވަގުތުތަކަކީ 2026 ގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު އެއް ބަހުސަށް ވެފައިވާއިރު، މަރަޑޯނާގެ ވާހަކަތަކަށް ވަނީ އަލުން ސަމާލުކަން ހުއްޓިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.