ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމްޕީއެލް، ސްޓެލްކޯ، އާރްއާރްސީ އަދި އެޗްޑީސީން މޮޅުތަކެއް ހޯދައިފި

ފޮޓޯ:ފޮޓޯ މާސްޓަރ
ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް 2026"ގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުން އެމްޕީއެލް، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަދި ކުލަބު އެޗްޑީސީން މޮޅުވެއްޖެއެވެ.

 މޫސުން ގޯސްވުމުގެ ސަބަބުން އާދީއްތަ ދުވަހުގެ ރޭ ކުޅެން އޮތް މި މެޗުތައް ރޭ ކުރިއަށް ދިޔައީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

ގްރޫޕް އޭގައި ހިމެނޭ އެމްޕީއެލްއިން ވަނީ ކުލަބު ޓީޓީއެސް އަތުން 7-2ގެ ތަފާތަކުން މޮޅުވެފައެވެ. މި މެޗުގައި އެމްޕީއެލްގެ އަޙްމަދު ނިޒާމް ދެ ލަނޑު ޖެހިއިރު، އިބްރާހީމް އަތީގު ހަސަން، މުޙައްމަދު ސަޚާއު، އިބްރާހީމް ވަހީދު ހަސަން، އަލީ ފާސިރު އަދި ހަސަން ޔޫން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކުރިއެވެ. ޓީޓީއެސްގެ ދެ ލަނޑު ވެސް ޖެހީ ހަސަން ނަޒީމެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ސްޓެލްކޯއިން ޕޮލިސް ކުލަބު ބަލިކުރީ 6-2 އިންނެވެ. ސްޓެލްކޯއަށް މުޙައްމަދު ސިރުޚާންއާއި އިބްރާހީމް ރިމާހު ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، މުޙައްމަދު ނަޒާމްއާއި ޝުއައިދު ސައީދު ވެސް ލަނޑު ޖެހިއެވެ. ޕޮލިސްގެ ލަނޑުތައް ޖެހީ މުޙައްމަދު އައިހަމްއާއި މުޙައްމަދު ނަޖާހެވެ.

މި ނަތީޖާތަކާ އެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް އެމްޕީއެލްއާއި ދެވަނައިގައި އޮތް ސްޓެލްކޯއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓީޓީއެސްއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ޕޮލިސް ކުލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގްރޫޕް ޑީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީން ވަނީ ކުލަބު ފެން އަތުން 11-ގެ ބޮޑު މޮޅެއް ހޯދާފައެވެ. މި މެޗުގައި އާރްއާރްސީގެ ކެޕްޓަން އަލީ ހާފިޒް ހެޓްރިކެއް ހެދިއިރު، ހުސައިން ޣައްސާން ލަބީބު، އަޙްމަދު އަފްލާޒް އަދި އިސްމާޢީލް މުނީޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ އަޙްމަދު ރިޒުވާންއާއި ޒައިން ޒަފަރެވެ. ފެން ކުލަބުގެ ހަމައެކަނި ލަނޑު ޖެހީ ސައިފާން އަޙްމަދު މަނިކެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އެޗްޑީސީން ވަނީ 6-3އިން ކުލަބު އިމިގްރޭޝަން ބަލިކޮށްފައެވެ. އެޗްޑީސީގެ މުޙައްމަދު ސާދު ނިޒާރު ހެޓްރިކެއް ހެދިއިރު، ނާއިޒް ހަސަން، ޔާމިން މުޙައްމަދު އަދި ހުސައިން ސުހައިލް ވެސް ލަނޑު ޖެހިއެވެ. އިމިގްރޭޝަނަށް އަޙްމަދު އައިހަމް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ހައިސަމް ރަޝީދެވެ.

ގްރޫޕް ޑީގެ އެއްވަނައިގައި އޮތް އެޗްޑީސީއާއި ދެވަނައިގައި އޮތް އާރްއާރްސީއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކުލަބު ވެމްކޯއާއި ހަތަރުވަނައިގައި އޮތް އިމިގްރޭޝަނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އިމިގްރޭޝަނުން ތިން މެޗު ކުޅެފައިވާއިރު، ވެމްކޯ ކުޅުނީ ދެ މެޗެވެ. ފުލުގައި އޮތް ފެން ކުލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އެފްއޭއެމްއިން އެންޑޯސްކޮށްގެން 17 ޓީމާއެކު ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު