ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލަބް މޯލްޑިވްސް: އެޗްޑީސީއާއި ވެމްކޯއިން ބޮޑު މޮޅެއް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް 2026"ގައި ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުތަކުން ކުލަބު އެޗްޑީސީއާއި ކުލަބު ވެމްކޯ އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އެންޑޯސްކޮށްގެން، ޖުމްލަ 17 ޓީމަކާ އެކު ކުރިއަށްގެންދާ މުބާރާތެކެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި އެޗްޑީސީން ވަނީ ކުލަބު ފެންގެ މައްޗަށް 14-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެޗްޑީސީން ކުޅުނު ފުރަތަމަ މެޗެވެ. މި ބަލިވުމާ އެކު، ކުލަބު ފެން ކުޅުނު ދެ މެޗުން ވެސް ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.

އެޗްޑީސީގެ މި ތާރީޚީ މޮޅުގައި މުޙައްމަދު ސާދު ނިޒާރު ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މީގެ އިތުރުން ހުސައިން ސުހައިލް، ނާއިޒް ހަސަން އަދި އަބްދުالله ޝާފިއު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރިއިރު، އަބްދުالله ސުޒައިރު، އެރްޒާން، އަލީ ޝާމިސް އަދި އަލީ އަލްސަން ވެސް ވަނީ އެ ޓީމަށް ލަނޑުތައް ޖަހައިދީފައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް މެޗުގައި، މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ވެމްކޯއިން ވަނީ ކުލަބު އިމިގްރޭޝަން 6-2 އިން ބަލިކޮށްފައެވެ. ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަތުން ބަލިވި ވެމްކޯއަށް މިއީ މުހިންމު މޮޅެކެވެ. އިމިގްރޭޝަނުން ފުރަތަމަ މެޗުގައި ކުލަބު ފެން އަތުން ފަސޭހަ މޮޅެއް ހޯދާފައިވީ ނަމަވެސް، ރޭގެ މެޗުގައި އެ ޓީމަށް ވެމްކޯ ހިފަހައްޓައެއް ނުލެވުނެވެ.

ވެމްކޯގެ ފިގެއިރެޑޯ ކަޖާ ދެ ލަނޑު ޖެހިއިރު، އިބްރާހީމް މައިސާން، މުޙައްމަދު ފާސިރު އަދި އަޙްމަދު ވިޖުދާން ވެސް ވަނީ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ފުރަތަމަ ލަނޑަކީ އިމިގްރޭޝަނުގެ އަޙްމަދު ވިސާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިމިގްރޭޝަނުގެ ދެ ލަނޑު ޖަހައިދިނީ ކައިސާން ބިން ހިސާން އާއި ބިކްރާންތު ނަރްސިންގ ރާނާއެވެ. މި މުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު