އެކުއެޑޯގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި، މެކްސިކޯއިން ވޯލްޑް ކަޕްގެ ގަދަ 16އިން ޖާގަ ހޯދައިފިއެވެ.
މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެ ގައުމު މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ 1986ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗަކުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރެވެ.
މެކްސިކޯގެ ވެރިރަށަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ ސަބަބުން މެޗު ފެށުން ގަޑިއިރަކަށް ލަސްވި ނަމަވެސް، މެޗު ފެށުމާ އެކު މެކްސިކޯއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯއަށް ލީޑު ނަގައިދިނީ ކޮލަމްބިއާއަށް އުފަން ވިންގަރ ހޫލިއަން ކީނިއޯނެސްއެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ތިންވަނަ ލަނޑެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، އެކުއެޑޯގެ ޑިފެންޑަރު ހޮއެލް އޮރުޑޮނޭޒް ހެދި ގޯހެއްގެ ފައިދާ ނަގައި، ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް ވަނީ މެކްސިކޯގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
ސެބަސްޓިއަން ބެކަސޭސޭގެ އިރުޝާދުގެ ދަށުން ކުޅުނު އެކުއެޑޯއިން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ނަމަވެސް، މެކްސިކޯގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވިއެވެ. އެކުއެޑޯގެ ޖޯން ޔެބޯއާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މެޗުގެ އިތުރު ވަގުތުގައި އެކުއެޑޯގެ ޕިއޭރޯ ހިންކަޕީއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އިދިކޮޅު ކުޅުންތެރިއަކާ ވާހަކަދެއްކިއިރު އަނގަމަތީގައި އަތް އެޅުމުންނެވެ. މިއީ މި މުބާރާތުގައި މި ސަބަބާ ހުރެ ރަތް ކާޑު ދެއްކި ދެވަނަ ފަހަރެވެ. މީގެ ކުރިން ޕެރަގުއޭގެ މިގޭލް އަލްމިރޯންއަށް ވެސް ވަނީ މިފަދަ ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ހާވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ކުޅޭ މެކްސިކޯ އިން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، އަށް ލަނޑު ޖަހާފައެވެ. އަދި މިހާތަނަށް އެ ގައުމުގެ ކޮޅަށް އެއްވެސް ލަނޑެއް ވަދެފައެއް ނުވެއެވެ. އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯގެ ރެކޯޑު ވަރަށް ފުރިހަމައެވެ. އެ ދަނޑުގައި ކުޅުނު ރަސްމީ 89 މެޗުގެ ތެރެއިން 70 މެޗުން އެ ގައުމު މޮޅުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ ދެ މެޗުންނެވެ. އަދި ވޯލްޑް ކަޕްގައި އެ ދަނޑުގައި ކުޅުނު 10 މެޗުން ވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ.
އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ގަދަ 1 ގެ މެޗުގައި މެކްސިކޯ ބައްދަލުކުރާނީ އިންގްލެންޑް ނުވަތަ ޑީއާރު ކޮންގޯއާއެވެ. މި މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައެވެ. މި ދަނޑަކީ ކަނޑުގެ ސަތަހައަށް ވުރެ 2,000 މީޓަރަށް ވުރެ އުހުގައި އޮންނަ ދަނޑަކަށް ވުމުން، މިއީ މެކްސިކޯގެ ކުޅުންތެރިންނަށް ފަރިތަ ނަމަވެސް އިދިކޮޅު ޓީމުތަކަށް ބޮޑު ގޮންޖެހުމަކަށް ވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.