ވޯލްޑް ކަޕްގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ 12ވަނަ މިނެޓުގައި ޑިފެންޑަރު ޖޮނަތަން ޓާ ބޮލުން ޖެހި ލަނޑާ އެކު ޖަރުމަން ހޯދި 2-1ގެ ލީޑަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އިން ހުރަސް އެޅުމުން އެކަމާ ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
މާކްނުކޮށް ހުރި ޓާ، ފަހަތު ދަނޑި ކައިރިން މައްޗަށް އަރައި ޕެރަގުއޭގެ ގޯލްކީޕަރު އޮލާންޑޯ ގިލް ފަހަތަށް ދޫކޮށްލުމަށް ފަހު ބާރު ހެޑަރަކުން ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭގެ ސިކުންތުކޮޅެއް ކުރިން ހިނގި ކަމަށް ބުނާ ހާދިސާއަކާ ގުޅިގެން އެ ލަނޑު ގަބޫލެއް ނުކުރިއެވެ.
ކޯނަރު ހުރަސްކޮށްލި ވަގުތު، ޖަރުމަނުގެ ވަލްޑެމާ އެންޓަން، ކީޕަރު ގިލް އަށް ހުރަސްއެޅި ކަމަށް ނިންމިއެވެ. ކީޕަރު ބިންމައްޗަށް ވެއްޓުމަށް ފަހު ތެދުވެ، ޓާގެ ހެޑަރު ދިފާއުކުރަން މަސައްކަތް ކުރިއެވެ.
ނަމަވެސް ވީއޭއާރްގެ އިރުޝާދުގެ މަތިން ރެފްރީ ޖަލާލް ޖަޔެދް ދަނޑު ކައިރީގައި ހުރި މޮނިޓަރު ބަލައި، ލަނޑު ގަބޫލު ނުކުރަން ނިންމިއެވެ.
އިންގްލެންޑްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޝިއަރާ ބީބީސީ ވަންގައި ބުނީ ޕެރަގުއޭގެ ކީޕަރު "ރެފްރީއަށް އޮޅުވާލީ" ކަމަށެވެ.
"އަހަރެން އެ ނިންމުމާ އެއްގޮތަކަށް ވެސް އެއްބަހެއް ނުވަން. ކީޕަރު ބިންމައްޗަށް ވެއްޓުނީ ވަރަށް ކުޑަ ކަމަކާ ހުރެ، އެއީ ވަރަށް އާދައިގެ ކަމެއް. އެއީ ވަރަށް ގޯސް ނިންމުމެއް ކަމަށް. މިއީ ގައިގާ ޖެހިގެން ކުޅޭ ކުޅިވަރެއްކަން ގަބޫލުކުރަން ޖެހޭނެ، ގޯލްކީޕަރު ވަނީ ރެފްރީއާއި ވީއޭއާރްއަށް އޮޅުވާލާފައި. އޭނާ ވެއްޓުނު ގޮތް ވަރަށް ލަދުވެތި."ޝިއަރާ ބުންޏެވެ.
އަދި 1-1 އިން އެއްވަރުވެގެން ކުޅުނު ޕެނަލްޓީގައި ޕެރަގުއޭ 4-3 އިން މޮޅުވުމުން، ޖަރުމަނުގެ ހެޑް ކޯޗު ޔޫލިއަން ނާގަލްސްމަން ހުރީ ކެންސަލްކުރި ލަނޑާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
އޭނާ ބުންޏެވެ: "އަހަރެންގެ ނަޒަރުގައި އެއީ ހަގީގީ ފައުލެއް ނޫން؛ އެ ލަނޑު ގަބޫލުނުކުރުމަކީ ހަގީގަތުގައި ޖޯކެއް."
ލަނޑު ގަބޫލުނުކުރުމުން ކުރި އިހުތިޖާޖުތަކާ ގުޅިގެން ނާގަލްސްމަން އަށް ރީނދޫ ކާޑެއް ދެއްކިއިރު، އޭނާގެ މުސްތަގުބަލާ މެދު އަދި ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.