ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކިޑްސަލް ފައިނަލަށް އެލީޓްއާއި އެސްޕަޔަރ!

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސްއިން މުޅިން އަލަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 15އަހަރުން ދަށުގެ އެކެޑަމީތަކުގެ ފުޓްސަލް މުބާރާތް، "ކިޑްސަލް 2026"ގެ ފައިނަލްގެ ޖާގަތައް އެލީޓް އެކެޑަމީއާއި އެސްޕަޔަރ އެކެޑަމީން ކަށަވަރުކޮށްފިއެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެލީޓް އެކެޑަމީން ވަނީ ނިއު ރޭޑިއަންޓް އެކެޑަމީގެ މައްޗަށް 6-4ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި އެލީޓްގެ މުޙައްމަދު ރައުޝަމް ރަމީޒް އަދި އާދު ބިން މުޙައްމަދު ނިޔާޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ކިޔާން ބިން އަލީ ރަޒީ އާއި ޔޫސުފް ލުގްމާން ނަސީމް ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނިއު ރޭޑިއަންޓުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ރާއިޝް ރަމީޒް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް ލާއިގު އިބްރާހީމެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެސްޕަޔަރ އެކެޑަމީން ވަނީ ކްލަބް ވެލެންސިއާގެ މައްޗަށް 10-5ގެ ބޮޑު ތަފާތަކުން ކުރިހޯދާފައެވެ. މި މެޗުގައި އެސްޕަޔަރގެ އަޙްމަދު އާހިލް ހުސައިން ހަތަރު ލަނޑު ޖެހިއިރު، ޔަލްސަން ބިން ހިސާން ވަނީ ހެޓްރިކެއް ހަދާފައެވެ. މީގެ އިތުރުން މީކާ މުޙައްމަދު ކަލީމް އާއި އަޙްމަދު ޔާލް ޝުޖާއު ލަނޑުތައް ކާމިޔާބުކޮށްދިންއިރު، ވެލެންސިއާގެ މުޙައްމަދު ލީވާން އަލީ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. ވެލެންސިއާގެ ލަނޑުތަކުގެ ތެރެއިން އިބްރާހީމް އިލްޔާސް ބިން ހަސަން ހެޓްރިކެއް ހެދިއިރު، އަލީ އަޒީން އާދިލް ވަނީ ދެ ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:15ގައެވެ. މި މެޗު އެސްއެސްޓީވީ އާއި ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ބްރޯޑްކާސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ރަސްމީ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު